ހައުސިންގ ޑިވެލޮޕްމެންޓް އެންޑް ފައިނެންސް ކޯޕަރޭޝަނުގެ އިސްލާމިކް ވިންޑޯ "އެޗްޑީއެފްސީ އަމްނާ"އަށް އަހަރުން އަހަރަށް ލިބެމުން ދާ ފައިދާ އިތުރުވަމުން ދާ ކަމަށް އެޗްޑީއެފްސީގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ރިޕޯޓުން ދައްކައިފި އެވެ.

އެޗްޑީއެފްސީއަކީ ހައުސިން ސްކީމުތަކަށް ލޯނު ޕްރޮޑަކްޓްތަކެއް ދޫކުރާ ކުންފުންޏަކަށް ވާ އިރު، އެކުންފުނީގެ ޕްރޮޑަކްޓުތައް ދޫކުރަނީ ދެ އުސޫލަކުންނެވެ. އެއީ ކޮންވެންޝަނަލް އުސޫލާއި އިސްލާމީ ޝަރީޢާ އުސޫލުންނެވެ. އެ ކުންފުނީގެ ދެ އުސޫލުގެ އޮޕަރޭޝަންތައް ވެސް ހިންގަނީ މަސްހުނި ނުވެ، ވަކި ވަކިންނެވެ. އެހެންކަމުން ދެ އުސޫލުގެ އޮޕަރޭޝަންތަކުން ކުންފުންޏަށް ލިބޭ ފައިދާ ވެސް އެއް ނުކުރެ އެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާރުގައި އެޗްޑީއެފްސީގެ އިސްލާމިކް ވިންޑޯ ނުވަތަ އެޗްޑީއެފްސީ އަމްނާއަށް 3.39 މިލިޔަން ރުފިޔާގެ ފައިދާ ލިބިފައިވާ އިރު، ޖޫން މަހު ނިމިގެން ދިޔަ މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެޗްޑީއެފްސީ އަމްނާއަށް ލިބުނު ފައިދާ 3.46 މިލިޔަން ރުފިޔާއަށް އަރަ އެވެ.

އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ނިމުނު އިރު ޖުމްލަ ގޮތެއްގައި އެޗްޑީއެފްސީ އަމްނާގެ އޮޕަރޭޝަންތަކަށް ލިބިފައި ވަނީ 6,858,468 ރުފިޔާ އެވެ.

މިއީ މީގެ ކުރީ އަހަރުތަކުގައި މުޅި އަހަރުގެ ޖުމްލައަށް ވެސް ލިބިފައި ނުވާ ވަރުގެ ބޮޑު އަދަދެއްކަން ފާހަގަ ކޮށްލެވެ އެވެ.

ނިމިދިޔަ 2015 ވަނަ އަހަރު، މުޅި އަހަރުގެ ޖުމްލައަށް ބަލާ އިރު އެޗްޑީއެފްސީ އަމްނާއަށް ލިބިފައި ވަނީ 5.6 މިލިޔަން ރުފިޔާގެ ފައިދާއެކެވެ. 2014 ވަނަ އަހަރު އެޗްޑީއެފްސީ އަމްނާއަށް ލިބުނު ފައިދާ މިލިޔަނަށް ވެސް ނާރަ އެވެ.

އެހެންކަމުން ބެލެވޭ ގޮތުގައި މި އަހަރު ނިމުމާ ހަމައަށް އެޗްޑީއެފްސީ އަމްނާގެ ފައިދާ ދާނީ އިތުރު ވަމުންނެވެ.

އެޗްޑީއެފްސީއިން ވަނީ މި އަހަރުގެ ތެރޭގައި ނިންމާފަ އެވެ.

ސުކޫކަކީ ބޮންޑު ވިއްކާ އުސޫލަށް ވިއްކާ ފައިނޭންޝަލް ޕްރޮޑަކްޓެކެވެ. އެޗްޑީއެފްސީއަކީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ފައިނޭންސް ދޫކުރާ ކުންފުންޏަކަށް ވާ އިރު، އެކުންފުނިން ސުކޫކު ވިއްކުމުގެ މަގުސަދަކީ އެޗްޑީއެފްސީ އަމްނާގެ ދަށުން ހިންގޭ ހައުސިންގ ފައިނޭންސް މަސައްކަތްތަކައް ފައިސާ ހޯދުމެވެ.

"ސުކޫކު އަނެއްކާވެސް ތައާރަފު ކުރަން މި އުޅެނީ. ސުކޫކަކީ ޓްރެޜަރީ ބޮންޑު ސްޓައިލަށް އޮންނަ ޕްރޮޑަކްޓެއް. އޭގައި އިންވެސްޓް ކޮށްގެން ލިބޭ ޕްރޮފިޓު ޕަސަންޓޭޖުން ވަކި ޕަސަންޓެއް ސުކޫކު ގަތް ފަރާތަށް، އަނެއް ޕަސަންޓޭޖު އަޅުގަނޑުމެންނަށް ހިއްސާވާ ގޮތަށް އޮންނާނީ،" އެޗްޑީއެފްސީ އަމްނާގެ މެނޭޖަރ އަޒްމީން ރަޝީދު "ސަން" އަށް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ.