ބޮލީވުޑްގައި ނަން ހިނގާ ތަރިންގެ ތެރޭގައި ހިމެނޭ ސަލްމާން ޚާން އާއި އަކްޝޭ ކުމާރު އަދި ޕްރިޔަންކާ ޗޯޕްރާ ފެނިގެންދާ ފިލްމު، "މުޖްސޭ ޝާދީކަރޯގޭ" ރިލީޒްކުރިތާ މިހާރު 12 އަހަރު ވެފައިވީ ނަމަވެސް، އެ ފިލްމަކީ އަދިވެސް ގިނަ ބަޔަކަށް ކަމުދާ ފިލްމެކެވެ.

ޑޭވިޑް ދަވަން ޑައިރެކްޓްކޮށް، 2004 ވަނަ އަހަރު ނެރެފައިވާ ލޯބީގެ މަޖާ އެ ފިލްމަކީ ހޮލީވުޑްގައި ވެސް ވިދުންގަދަ، ޕްރިޔަންކާގެ ވެސް އެންމެ ކަމުދާ އެއް ފިލްމެވެ.

އުމުރުން އެންމެ 22 އަހަރުގައި ކުޅުނު އެ ފިލްމުގެ ޕޯސްޓަރަކާއެކު މިދިޔަ ހުކުރު ދުވަހު ޕްރިޔަންކާގެ އިންސްޓަގުރަމް އެކައުންޓުގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އެ ފިލްމުގައި ބައިވެރިވި އެންމެނަނަށް ޝުކުރު އަދާ ކޮށްފަ އެވެ.

އެމެރިކަން ޓީވީ ޝޯ، "ކުއެންޓިކޯ" އާއެކު ބައިނަލްއަގްވާމީ ފިލްމީ ދާއިރާގައި ވެސް ގިނަ ބައެއްގެ މަގްބޫލުކަން ހޯދަމުންދާ ޕްރިޔަންކާ މިހާރު ބުރަކޮށް އުޅެނީ ކުއެންޓިކޯގެ ދެވަނަ ސީޒަންގެ ޝޫޓިންގަ އެވެ. އަދި އޭނާއަށް ވަނީ އދ. ގެ ގުލޯބަލް ސިޓިޒެން ފެސްޓިވަލް ހުށަހަޅައިދިނުމުގެ ފުރުސަތު ވެސް ލިބިފަ އެވެ.

ބޮކްސް އޮފީސް އިންޑިއާއިން "ހިޓް" ފިލްމެއްގެ ގޮތުގައި ބަލައިގަނެފައިވާ ފިލްމު، "މުޖްސޭ ޝާދީކަރޯގޭ" 2004 ވަނަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބުނު ތިން ވަނަ ފިލްމެވެ.

މީގެ 13 އަހަރުކުރިން ރިލީޒްކުރި ސްޕައި ތްރިލާ ފިލްމު، "ދަ ހީރޯ" އާއެކު ބޮލީވުޑްއަށް ނުކުތް ލަވަ ކިއުމަށް ވެސް ޝައުގުވެރިކަން ހުންނަ ޕްރިޔަންކާ ވަނީ ފިލްމީ ދާއިރާގައި އޭނާ ހޭދަކުރި އަހަރުތަކުގައި 55 ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. (އިންޑިއަން އެކްސްޕުރެސް)