ރ. މަޑުއްވަރީގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އޭނާގެ ދަރިއަކު ހައްޔަރުކޮށްފި އެވެ.

މަޑުއްވަރީގައި ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައި ވަނީ ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، މަޑުއްވަރީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި 56 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ ދެ މީހުން މިއަދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި، ގްރޭޑު ދޭއްގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެރަށުގެ އާންމު ފަރާތަކުންނެވެ.

އޭނާ ބުނީ، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، އަންހެން ކުއްޖާގެ ދޮންބައްޕަގެ 29 އަހަރުގެ ފިރިހެން ދަރި، އަންހެން ކުއްޖާ ގޮވައިގެން ރަށުން ބޭރަށް ދިޔަ ކަމަށާއި އެ ކުއްޖާ ގޮވައިގެން އެނބުރި މަޑުއްވަރީއަށް އައީ އެއް ދުވަސް ކޮށްފައި ކަމަށެވެ. އަދި އެ ދުވަހު އެކުއްޖާ ނުފެނިގެން އެކުއްޖާގެ މަންމަ އުޅުނު ކަމަށް ވެސް މަޑުއްވަރީން "ސަން"އާ ވާހަކަދެއްކި މީހާ ބުންޏެވެ.