"ޕީޕްލީ ލައިވް" ގެ ޑައިރެކްޓަރު މުހައްމަދު ފާރޫގީ ގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވާ ކަމަށް ނިއު ދިއްލީގެ ކޯޓަކުން އިއްޔެ ހުކުމް ކޮށްފި އެވެ.

ފާރޫގީގެ މައްޗަށް ރޭޕުގެ ދައުވާ އުފުލާފައި ވަނީ 2014 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު، ފާރޫގީގެ ގޭގައި، އުމުރުން 35 އަހަރުގެ އެމެރިކާ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލަ ހުށަހެޅި އެމެރިކާގެ އަންހެން މީހާއަކީ ކޮލަމްބިއާ ޔުނިވާސިޓީގައި ޕީއެޗްޑީ އަށް ކިޔަވަމުން ދިޔަ ދަރިވަރެކެވެ. އޭނާ 2014 ވަނަ އަހަރު އިންޑިއާ އަށް އައީ ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ދިރާސާ އެއް ކުރުމަށެވެ.

އަންހެން މީހާ އާއި ފާރޫގީއާ ބައްދަލުވީ އެ ދިރާސާ އަށް މައުލޫމާތު އެއްކުރުމުގެ ތެރެއިން ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ. ފާރޫގީ އޭނާ ރޭޕް ކޮށްފައި ވަނީ 28 މާޗު ވަނަ ދުވަހުގެ ރޭ ފާރޫގީގެ ގޭގައި އޮތް ޕާޓީ އަކަށް ފަހު ކަމަށް އަންހެން މީހާ ވަނީ ބުނެފަ އެވެ.

ރޭޕު ކުރުމަށް ފަހު، އީމެއިލް މެދުވެރިކޮށް އެތައް ފަހަރަކު ފާރޫގީ މައާފަށް އެދުނު ކަމަށް ބުނެ އަންހެން މީހާ ވަނީ ހެކީގެ ގޮތުގައި ކޯޓަށް އެ އީމެއިލް ތައް ވެސް ހުށަހަޅާފަ އެވެ.

އެ މައްސަލައިގައި ފާރޫގީ ބުނެފައި ވަނީ އޭނާގެ މައްޗަށް އުފުލާފައި ވަނީ ބާތިލު ހެކި ތަކާއި ވާހަކަ ތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުވާއެއް ކަމަށެވެ. އަދި އަންހެން މީހާ އަށް އެއްވެސް އީމެއިލް އެއް ފޮނުވާފައި ނުވާނެ ކަމަށް ވެސް ފާރޫގީ ކޯޓުގައި ވަނީ ބުނެފަ އެވެ.

ދެފަރާތުން ކޯޓުގައި ދެއްކި ވާހަކަތަކާއި، ހުށަހެޅި ހެކިތަކަށް ބެލުމަށް ފަހު ކޯޓުން ވަނީ ފާރޫގީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކޮށްފަ އެވެ.

މައްސަލަ ހުށަހެޅި ދުވަހު ފާރޫގީ ހައްޔަރު ކުރި ނަމަވެސް، 15 ދުވަހަށް ފަހު ކަފާލާތުގެ ދަށުން އޭނާ ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އިއްޔެ ކޯޓުން ކުރި ހުކުމާ ގުޅިގެން، ފާރޫގީ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

ފާރޫގީގެ މައްޗަށް ރޭޕުގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކޮށްފައިވާ އިރު، އޭނާގެ މައްޗަށް ޖަލު ހުކުމް އިއްވުން އޮންނާނީ އޮގަސްޓު ދެ ވަނަ ދުވަހު އެވެ. ހަބަރުތައް ބުނާ ގޮތުން އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރޭޕުގެ އިތުރުން، އޭނާގެ މައްޗަށް ވަނީ ހެކި ނައްތާލަން މަސައްކަތް ކުރި ކަމުގެ ދައުވާ ވެސް އުފުލާފަ އެވެ. ނަމަވެސް ޝަރީއަތުން ވަނީ އެ ދައުވާ ބޭރުކޮށްލައިފަ އެވެ.