ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި 100 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިއްކައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީން ބޭންކަށް ޓިކެޓު ހުށަހެޅުމުން ޑޮލަރު ވިއްކާ ބީދައިން، މިދިޔަ ދެ އަހަރުގެ ތެރޭގައި ބީއެމްއެލްއިން 115 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ. އަދި ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި އެކަނި ވެސް ޓިކެޓަށް 5.6 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.

ބޭންކުން ބުނީ މިއީ ރާއްޖޭގެ އެހެނިހެން ބޭންކުތަކުން ޓިކެޓަށް ޑޮލަރު ވިއްކާ ނިސްބަތާ އަޅާ ބަލާއިރު ވަރަށް ބޮޑު އަދަދެއް ކަމަށެވެ.

ބީއެމްއެލުން ބުނީ އެ ކުންފުނިން މިފަދައިން ޓިކެޓަށް ޑޮލަރު ވިއްކަނީ މަރުކަޒީ ބޭންކު އެމްއެމްއޭއިން ވިއްކާ އަދަދެއްގެ މައްޗަށާއި، އަދި ބީޢެމްއެލުން އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާ އަދަދަކާ އެކުގައި ކަމަށެވެ.

ޑޮލަރު ގަތުމަށް އޮތް ޑިމާންޑު ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ބީއެމްއެލްއިން ވަނީ ޓިކެޓަށް ޑޮލަރު ވިއްކާ އަދަދު ކޮންޓްރޯލް ކޮށްފަ އެވެ. އެހެން ނަމަވެސް ޓިކެޓަށް ޑޮލަރު ވިއްކުމުގެ އުސޫލު ނަހަމަ ގޮތުގައި ބައެއް ފަރާތްތަކުން ބޭނުން ކުރަމުންދާ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.