02 Aug 2016, 12:52
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް ހިޔާލު ހޯދުމަށް ރާއްޖޭގެ ބޮޑެތި މީޑިއާތަކާއެކު 14 ފަރާތެއް ހާޒިރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ނިންމައިފި އެވެ.
އަބުރުގެ ބިލް ދިރާސާ ކުރާ 11 މެމްބަރުންގެ ކޮމެޓީ އެގޮތަށް ނިންމާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ކޮމެޓީ ބައްދަލުވުމުގަ އެވެ.
މިއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބިލަކާ ގުޅޭ ގޮތުން އެންމެ ގިނަ ބައެއްގެ ހިޔާލު ހޯދާ ފުރަތަމަ ފަހަރެވެ. އެ ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ.
ކޮމެޓީއަށް ހާޒިރުކުރާ ފަރާތްތައް:
މޯލްޑިވްސް މީޑިއާ ކައުންސިލް
- ހިއުމަން ރައިޓްސް ކޮމިޝިން
- އެޓާނީ ޖެނަރަލް
- ޕްރޮސެކިއުޓާ ޖެނަރަލް
- ފުލުހުން
- އެމްއެންޑީއެފް
- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ބޮޑެތި މީޑިއާ
- އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް
- ގައުމީ ޔުނިވާސިޓީ
- ލޯޔަރުންގެ ޖަމިއްޔާއެއްވާނަމަ އެ ފަރާތްތައް
- ބްރޯޑްކާސްޓިން ކޮމިޝަން
- ފިގުހު އެކަޑަމީ
- ފިލްމު އެސޯސިއޭޝަން
އޭގެ އިތުރުން ބިލުގެ ވަކިވަކި މާއްދާތަކަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ވަނީ ފުރުސަތު ދީފަ އެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ދިރާސާކުރާ ވަގުތީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ކޮމެޓީން އެގޮތަށް ނިންމީ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެގޮތަށް ހުށަހެޅުއްވުމުން ނެވެ. ކޮމެޓީން މިއަދު ވަނީ އާންމުންނަށް ބިލުގެ ވަކިވަކި މާއްދާތަކަށް ހިޔާލު ހުށަހެޅޭނެ ސުން ގަޑިއެއްވެސް ކަނޑައަޅާފަ އެވެ. އެގޮތުން މި މަހުގެ 15ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެ ބިލުގެ ވަކިވަކި މާއްދާތަކަށް ހިޔާލު ހުށަހަޅަންޖެހޭނެ އެވެ.
މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އަބުރުގެ ބިލު ދިރާސާކޮށް ނިންމާނެ ވަކި ތާރީހެއް ވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން މި މަހުގެ 25ގެ ކުރިން ބިލުގެ މަސައްކަތް ނިންމުމަށް ވެސް މެމްބަރުން ވަނީ އެއްބަސްވެފަ އެވެ. އަދި އެގޮތަށް ވޯޓަށް އެހުމަށްފަހު އެ ނިންމުން ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ދިރާސާކުރާ ވަގުތީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވިދާޅުވީ ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ފާސްކުރުމުގެ ނިޔަތް ގެންގުޅުއްވަން ބޭނުންފުޅުނުވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެން އަމިއްލަ އަމިއްލައަށް ބިލެއް ފަރުމާކޮށް ނިންމާލާކަށް. އެ ވިސްނުމެއް ނެތް. ވީހާވެސް ފުޅާ ދާއިރާއެއްގައި މި ބިލާ {އަބުރުގެ ބިލު} ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް އެ ފަރާތްތަކުގެ ހިޔާލު ހޯއްދަވައިގެން ބިލަށް ގެންނަންޖެހޭ އިސްލާހެއް ގެނެސްގެން މިހާރުގެ ހާލަތަށް ފެތޭ ގޮތަށް ބިލެއް ފަރުމާކުރުން އަޅުގަނޑުމެންގެ ބޭނުމަކީ." ޖައުފަރު ވިދާޅުވި އެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ދިރާސާކުރާ ވަގުތީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށައަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެ ނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިނަމާ ދިވެހިރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ދިރާސާކުރާ ވަގުތީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.