މެޑިޓޭރިއަން ކަނޑު ހުރަސްކުރާ ރެފިއުޖީންނަށް އެހީވުމަށް ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒްގެ އަމިއްލަ ލަގްޒަރީ ޔޮޓް އަމިއްލަ ޖަމިއްޔާއަކަށް ހަދިޔާކޮށްފި އެވެ.

ގަތަރު ލީގުގައި ކުޅޭ އަލްސާދް އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒަވީގެ ޔޮޓް ހަދިޔާކޮށްފައިވަނީ ބާސެލޯނާގެ ޕްރޯއެކްޓިވާ އޯޕަން އާމްސް (ޕީއޯއޭ) ނަމަކަށް ކިޔާ އަމިއްލަ ޖަމިއްޔާއަކަށެވެ.

ޕީއޯއޭ އަށް ޒަވީ ހަދިޔާކުރި ކަމަށް ބުނާ ޔޮޓް ---

ކަނޑުމަތީގައި ހިނގާ އެކިކަހަލަ ހާދިސާތަކުގައި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ އެ ޖަމިއްޔާ އިން މިހާރު ދަނީ ލެސްބޮސް ކައިރީގައި މެޑިޓޭރިއަން ކަނޑު ހުރަސްކޮށް ގްރީސް އަށް ދަތުރުކުރާ ރެފިއުޖީންނަށް އެހީތެރިވުމުގަ އެވެ.

ޕީއޯއޭ އިން ވަނީ ޒަވީގެ ޔޮޓް އެ ޖަމިއްޔާއާ ހަވާލުކުރާ ވީޑިއޯއެއް އެ ޖަމިއްޔާގެ ފޭސްބުކް އެކައުންޓުގައި އިއްޔެ ޝާއިރުކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މީހުން ސަލާމަތްކުރުމުގައި ޒަވީގެ ޔޮޓް ބޭނުމެއް ނުކުރާނެ އެވެ. ނަމަވެސް ޕޯއާ އަށް ފައިސާ ހޯދުމަށް އެ ޔޮޓް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފަ އެވެ.

އުތުރު އެފްރިކާ އަދި މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކަނޑު ހުރަސްކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަން މަސައްކަތްކުރި 3000 އަށްވުރެ ގިނަ މީހުން ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މަރުވެފަ އެވެ.