އާސެނަލްގެ އިނގިރޭސި މިޑްފީލްޑަރު ޖެކް ވިލްޝެއާ އަނިޔާގައި ހުރި ކަމަށްވިޔަސް، ހާސްވާވަރުގެ ބޮޑު އަނިޔާއެއް އޭނާ އަށް ނުވާ ކަމަށް އެ ކްލަބުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އާސެނަލް އިން ކުރިއަށްއޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހު ގުއަޑަލަޖަރާއާ ދެކޮޅަށް ކުޅުނު މެޗުގައި ވިލްޝެއާ ފެނިގެންނުދިޔަ އިރު، އަންނަ ހުކުރު ދުވަހު ވައިކިންއާ ދެކޮޅަށް ކުޅޭ މެޗު ވެސް އޭނާ އަށް ގެއްލޭނެ ކަމަށް ބެލެވެ އެވެ.

"ވިލްޝެއާ އަށް މާ ބޮޑު އަނިޔާއެއް ނުވޭ. އޭނާގެ ކަކުލަށް ވަނީ އަނިޔާއެއް ވެފައި. އެކަމަކު އަހަރެމެން އަންނަ ބުރާސްފަތި ދުވަހު ކުރާ ދަތުރުގައި އޭނާ ބައިވެރިވާނެ،" އުމުރުން 24 އަހަރު މިޑްފީލްޑަރު ވިލްޝެއާގެ އަނިޔާއާ ގުޅޭގޮތުން އާސެނަލްގެ ކޯޗު ވެންގާ ބުންޏެވެ.

މިދިޔަ ސީޒަނުގެ ބޮޑު ބައެއް ގެއްލުނު މިޑްފީލްޑަރު ވިލްޝެއާ ޔޫރޯ 2016ގައި އިނގިރޭސި ޓީމަށް ނެގި ނަމަވެސް، އޭނާ އަށް އެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.