މާލެ ސިޓީއިން އެންމެ އެކަށީގެންވާ ގޮތަށް ކުނި ނެގުމަށް ބޭނުންވާ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ދިރާސާ ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކުނި ނެގުމަށް ބޭނުންވާ ނިޒާމް ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ، ވޯޓާ ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާ އެވެ. 1035000 ރުފިޔާގެ އެ ޕްރޮޖެކްޓު ވޯޓާ ސޮލިއުޝަންސް އާ ހަވާލު ކުރީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

އެ ރަސްމިއްޔާތުގައި އެންވާރަމެންޓް މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވީ މިހާރު ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ތިލަފުށިން އަރާ ދުމުން ބައެއް މޫސުން ތަކުގައި މާލެއާއި މާލެ ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުނަށް އުނދަގޫތަކާ ކުރިމަތި ލާންޖެހޭ ކަމަށާއި، އެކަމަށް ހައްލެއް ހޯދުމަށްޓަކައި ކުނި ނައްތާލުމުގެ ނިޒާމް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ތިލަފުށީގައި ކުނި ރައްކާތެރިކަމާއެކު ނައްތާލުމުގެ އައު ނިޒާމެއް ގާއިމް ކުރުމަށް ތިލަފުށިން އިތުރު ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މިއަހަރު ނިމުމުގެ ކުރިން ބިން އެލޮކޭޓްކޮށް އެ ބިން އިތުރަށް ހިއްކަން ޖެހޭނަމަ ފެށޭ އަހަރުގެ ކުރީ ކޮޅުގައި ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މާލެ ސިޓީއިން އެންމެ އެކަށީގެންވާ ގޮތަށް ކުނި ނެގުމަށް ބޭނުންވާ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވާ ދިރާސާ ކުރުމުގެ މަސައްކަތް ވޯޓަރ ސޮލިއުޝަންސް އާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުނި ނައްތާލުމުގެ ކަންކަން އޮޮތީ ބޮއްސުންލާފައި ކަމަށާއި، ކުރީގެ ސަރުކާރުން އެކަމަށް އިސްކަމެއްދީފައިނުވާ ކަމަށެވެ. ނަމަަވެސް މި ސަރުކާރުން ކުނި މެނޭޖްކުރުމަށް ހަރުދަނާ ސިޔާސަތެއް ކަނޑައަޅައި، ސިޔާސަތުގައި ހިމެނިފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެންމެ މުހިއްމު އެއް ލަނޑުދަނޑިއަކީ 2018 އަންނަން ވާއިރަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް އެރަށަކަށް ބޭނުންވާވަރެއްގެ ކުނި މެނޭޖްކުރާނެ ތަނެއް ހެދުން. ނުވަތަ އައިލެންޑް ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ހެދުން. އަދި އޭގެ އިތުރުން ރީޖަނަލް ވޭސްޓް މެނޭޖްމެންޓު ސެންޓަރެއް ހެދުން. އެކަންތައްވެސް މިހާރު މިދަނީ ކުރެވެމުން، " މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ވަކި ވަކި ފަރުދުންގެ އެއްބާރުލުން ދެއްވުމަށް އިލްތިމާސް ކުރެއްވި އެވެ.