03 Aug 2016, 23:41
އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރެއްވުމުން، ނޭޕާލްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ކަދްގާ ޕްރަސާދު ގުޅިގެން، އޭނާގެ ބަދަލުގައި ބޮޑުވަޒީރުކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލް (ޕްރަޗަންދާ) އިންތިޚާބު ކޮށްފިއެވެ.
މިދިޔަ އަހަރު ނޭޕާލްގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ކޭޕީ އޯލީ އިސްތިއުފާ ދެއްވީ އޭނާ ހިމެނިވަޑައިގަންނަވާ މާކްސިސްޓް ކޮމިއުނިސްޓް ޕާޓީން އުފެއްދި ކޯލިޝަން ސަރުކާރުން ކޯލިޝަންގެ އެހެން ބައިވެރިންނަށް ވެރިކަމުގެ ބާރުތައް ވަކި ވަރަކަށް ދިނުމަށް އެކުލަވާލި އެއްބަސްވުމަށް ބޮޑުވަޒީރު އިހުތިރާމު ނުކުރެއްވުމުގެ ސަބަބުން، ކޯލިޝަންގައި ހިމެނޭ މާއޯއިސްޓް ކޮމިއުނިސްޓް ޕާޓީ އެ އިއްތިހާދުން ވަކިވުމާ ގުޅިގެން، ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓި، އޭނާއަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ތާއީދު ގެއްލުމުންނެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު އޯލީ އިސްތިއުފާ ދެއްވި ފަހުން، މިއަދު އެގައުމުގެ ބޮޑުވަޒީރުގެ މަގާމަށް ވަނީ އާ ބޭފުޅަކު ގާނޫނު ހަދާ މަޖިލީހުން އިންތިޚާބު ކުރައްވައިފައެވެ.
އެ މަގާމަށް އިންތިޚާބުވީ އޯގަސްޓް 2008 އިން 25 މެއި 2009 އާ ހަމައަށް އެގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި، މާއޯއިސްޓް ކޮމިއުނިސްޓް ޕާޓީގެ ޗެއާމަން ޕުޝްޕާ ކަމާލް ދަހާލް އެވެ.
އޭނާ ބޮޑުވަޒީރުކަން ފުރަތަމަ ކުރެއްވީ އެގައުމުގެ ފުރަތަމަ ރައީސް ރާމް ބަރަން ޔަދަވްގެ ސަރުކާރުގައެވެ. އޭނާއަކީ އެ ސަރުކާރުގައި ބޮޑުވަޒީރުކަން ކުރެއްވި ދެވަނަ ބޭފުޅާއެވެ. 2009 ވަނަ އަހަރު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ރައީސް ރާމް ބަރަން ޔަދަވް، އެގައުމުގެ އަސްކަރިއްޔާގެ އޭރުގެ ޗީފް މަގާމުން ވަކިކުރެއްވުމާ ގުޅިގެން، އެކަމާ ޚިޔާލު ތަފާތުވުން އުފެދުމުންނެވެ.
ނޭޕާލްގައި ރަސްކަމަކާއި އެކު މަލްޓި ޕާޓީ ނިޒާމެއް ހިންގަމުން ދިޔަ ދުވަސްވަރު، 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް މާއޯއިސްޓް ކޮމިއުނިސްޓް ޕާޓީއިން ސަރުކަރާ ދެކޮޅަށް ހިންގި އަސްކަރީ ކުރިމަތިލުންތައް ލީޑު ކުރެއްވީ ބޮޑުވަޒީރުކަމަށް މިއަދު ވަޑައިގެންނެވި ޕުޝްޕާ ކަމާލް ދަހަލެވެ. މި ކުރިމަތިލުންތަކުގައި، 10 އަހަރު ތެރޭގައި 17،000 މީހުން މަރުވިއެވެ.
ނޭޕާލްގައި 239 އަހަރު ވަންދެން ކުރެވެމުން އައި ރަސްކަން އުވާލައި، އެގައުމުގައި ޖުމްހޫރީ ވެރިކަމެއް ގާއިމުކުރީ 2008 ވަނަ އަހަރުއެވެ. އެގައުމުގެ ފުރަތަމަ ރައީސް ރާމް ބަރަން ޔަދަވްގެ ދައުރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަމަވި އިރު، މިހާރު އެގައުމުގެ ރައީސްކަން ކުރައްވާ އަކީ އެ މަގާމު އަދާކުރައްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ.