ނިއުދިއްލީ(އޮގަސްޓް 7): އިންޑިއާގައި ގެރި ހިމާޔަތް ކުރުމުގެ ނަމުގައި އާއްމުންނަށް ހަމަލާދޭ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައްވައިފި އެވެ.

މޯދީއަށް ފާޑު ކިޔާ ބައެއް މީހުން ބުނާ ގޮތުގައި މޯދީ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތް ފަހުން ގެރި ރައްކާތެރި ކުރުމުގެ ނަމުގައި ދޭ ހަމަލާތައް ވަނީ އިތުރުވެފަ އެވެ. އިންޑިއާގައި 80 ޕަސެންޓު މީހުން ތަބާވާ ހިންދޫ ދީނުގައި ގެރިއަކީ މާތް ޖަނަވާރެކެވެ.

މިދިޔަ މަހު ބަޔަކު ވަނީ ގެރިއެއް ކަތިލާން މަސައްކަތް ކުރި އިންޑިއާގެ ދަށް ފަންތިއަކަށް ނިސްބަތްވާ ހަތަރު މީހަކަށް އަނިޔާކޮށްފަ އެވެ. އެ ހަމަލާތަކާ ދެކޮޅަށް އިންޑިއާގައި ކުރި މުޒާހަރާތަކުގައި އެއް ފުލުހަކު މަރުވެ، އެތައް ސަތޭކަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެފަދަ ހަމަލާތައް ކުށްވެރި ކުރައްވަމުން މޯދީ ވަނީ އެހަމަލާތައް ތަހުގީގު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އާއްމުންވެސް އެފަދަ ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މޯދީ ގޮވާލެއްވި އެވެ.

އެއީ ގެރި ރައްކާތެރި ކުރުމަށް ކަމަށް ބުނެ ދޭ ހަމަލާތަކާ ބެހޭ ގޮތުން މޯދީ ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މޯދީ އެމައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވާފައި ނުވާތީ ގިނަ ބަޔަކު ވަނީ ބޯޑުވަޒީރަށް ފާޑު ކިޔާފަ އެވެ. އަދި އެއީ އެހަމަލާ ދޭމީހުންނަށް ހިތްވަރު ލިބޭ ކަމެއް ކަމަށް ބުނެފަ އެވެ.

ގެރި ކެއުމުގެ ސަބަބުން ނުވަތަ އެކަމަށް ތުހުމަތު ކުރެވިގެން މިދިޔަ އަހަރު ހިންދޫ ދީނަށް ނިސްބަތްވާ މީހުން ވަނީ ފަސް މުސްލިމަކު މަރާލާފަ އެވެ. (އޭއެފްޕީ)