ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ކްރެޑިޓު ގެރެންޓީ ދޭ ލޯނު ޕްރޮޑަކްޓްތަކެއް ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކުން މިއަދު ތައާރަފު ކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ލޯނުތަކުގެ ތެރެއިން ސަރުކާރުގެ ކްރެޑިޓް ގެރެންޓީ ސްކީމުގެ ދަށުން ލޯނު ލިބޭނީ ބީއެމްއެލް ބިޒްނަސް ޑިވެލޮޕްމެންޓް ލޯނެވެ.

އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން، ސަރުކާރުގެ ކްރެޑިޓް ގެރެންޓީ ސްކީމުގެ ދަށުން ޚިދުމަތް ދޭ ޕްރޮޑަކްޓްތަކަކީ އެ ބޭންކުގެ މުރާބަހާ ޖެނެރަލް އެސެޓްސް ފައިނޭންސިންގްއާއި އެ ބޭންކުގެ ވެސެލް ފައިނޭންސިން ސްކީމެވެ.

ކްރެޑިޓު ގެރެންޓީ ސްކީމުގެ ދަށުން ދެ ބޭންކުން ވެސް ލޯނުގެ ގޮތުގައި ދޫކުރަނީއެއްލައްކަ ރުފިޔާއާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

މި ޕްރޮޑަކްޓްތައް ބޭނުންކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކްރެޑިޓް ގެރެންޓީ ދޭ މި ލޯނު ސްކީމުތައް ތައާރަފު ކުރީ، މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އޮތް ރަސްމިއްޔާތެއްގައެވެ. މި ލޯނު ސްކީމުތައް ތައާރަފު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް، ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ އަދި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ ހާރިސް ހާރޫން އެވެ.

ރަސްމިއްޔާތަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން، އެމްއެމްއޭއިން މިއަދު ތައާރަފު ކުރި ކްރެޑިޓު ގެރެންޓީ ސްކީމުގެ ހެޑް އިބްރާހިމް ނާސިރު ވިދާޅުވީ މި ސްކީމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ކްރެޑިޓް ލިބުން ލުއި ކޮށްދޭނެ ކަމަށެވެ.

ނާސިރު ވިދާޅުވީ މި ސްކީމަށް ކަނޑައަޅާފައިވަނީ 50 މިލިޔަން ރުފިޔާ ކަމަށެވެ. އަދި މި ސްކީމުގެ ދަށުން ސަރުކާރުން ކްރެޑިޓް ގެރެންޓީ ދޭނީ، އެ ވިޔަފާރިއަކުން ލޯނަށް ނެގި ފައިސާގެ 90 ޕަސަންޓު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރު ގައުމުތަކުގައި ވެސް ކުދި ވިޔަފާރިވެރިންނަށް މިކަހަލަ ސްކީމު ލޯންޗު ކުރޭ. ރާއްޖެއަށް ވުރެ ބޮޑުކޮށް އެތަންތަނުގައި ލޯންޗު ކުރަނީ. މި ސްކީމު ލޯންޗުކުރަނީ ކުދި ވިޔަފާރިވެރިންނަށް ކުރިއެރުން ދޭންވެގެން. އެއީ ގައުމުގައި މުހިންމު ރޯލެއް ކުޅޭ ބައެއް މެދުފަންތީގެ ވިޔަފާރިއަކީ. އެމީހުންނަށް ވީހާވެސް އެކްސެސް ފައިނޭންސް ފަސޭހަ ކޮށްދޭން،" ނާސިރު ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުގެ ކްރެޑިޓް ގެރެންޓީ ސްކީމުގައި ބައިވެރިވުމަށް ބީއެމްއެލްއިން ވަނީ އެ ބޭންކުގެ ބިޒްނަސް ޑިވެލޮޕްމެންޓް ލޯނަށް ބަދަލު ގެނެސްފައި ކަމަށާއި، ވިޔަފާރިތައް ފުޅާކުރުމަށާއި ކެޕިޓަލް ރެއިޒްކުރުން ފަދަ ކަންކަމަށް މި ލޯނު ބޭނުންތެރި ވަނެ ކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން މި ސްކީމުގެ ދަށުން ފައިނޭންސް ފޯރުކޮށްދެނީ މުރާބަހާ ޖެނެރަލް އެސެޓްސް ފައިނޭންސިންގްއާއި އެ ބޭންކުގެ ވެސެލް ފައިނޭންސިން ސްކީމަށެވެ.

ދެ ބޭންކުން ވެސް މި ޕްރޮޑަކްޓުތައް ދޫކުރަނީ ބޭސް ރޭޓު ކަމުގައިވާ ނުވަ ޕަސަންޓުގައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ވިޔަފާރިތަކަށް ފަސް އަހަރު ދުވަސް ލިބެ އެވެ.

ބީއެމްއެލްއިން މި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ، ލޯނު ދޫކުރާ ފަރާތުން ބަދަލުގައި ރަހުނެއް ނުބަހައްޓާ ގޮތަށެވެ. އެހެން ނަމަވެސް އިސްލާމިކް ބޭންކުން ފައިނޭންސް ކޮށްގެން ހޯދާ މުދަލެއް، ވަކި މުއްދަތެއް ވަންދެން ރަހުނުގެ ގޮތުގައި ބަހައްޓާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

"އަޅުގަނޑުމެންގެ ކޮލެޓަރަލްގެ ގޮތުގައި އެ ގަންނަ މުދަލެއް ބައިންދަނީ، މެޝިނެރީއެއް ވިޔާ އެ. ދޯންޏެއް ވިއްޔާ އެ ދޯނި. އެ ކޮލަޓަރައިޒް ކޮށްފައި މި ދެނީ ފައިނެންސިން ފެސިލިޓީ،" މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ވިދާޅުވި އެވެ.

ބީއެމްއެލްއާއި މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނާ ގޮތުގައި، ސަރުކާރުން ކްރެޑިޓް ގެރެންޓީ ދޭ ގޮތަށް އެ ބޭންކުތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ ލޯނު ޕްރޮޑަކްޓްތަކަށް މިއަދު ފަށައިގެން އެޕްލައި ކުރެވޭނެ އެވެ.

ލޯނު ޕްރޮޑަކްޓްތަކަށް އެދޭ ވިޔަފާރިއަކީ، އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރެޖިސްޓަރު ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް (އެސްއެމްއީ)އަކަށް ވާން ޖެހެ އެވެ.