07 Aug 2016, 12:32
އުރީދޫ އިން މައިކްރޮސޮފްޓްގެ ބައިވެރިވުމާ އެކު ކްލައުޑް މެދުވެރިކޮށް ފޯރުކޮށްދެވޭ ތައުލީމީ ސޮލިއުޝަންއެއް ކަމަށްވާ 'އުރީދޫ ސްމާރޓް ކެމްޕަސް' ތައާރަފްކޮށްފި އެވެ.
ސްމާޓް ކެމްޕަސްގައި ހިމަނާފައިވާ "މައިކްރޮސޮފްޓް އިން އެޑިއުކޭޝަން"ގެ ޕްލެޓްފޯމް މެދުވެރިކޮށް، ކަރުދާހުން ހިންގޭ ނިޒާމުތައް، ކްލައުޑް މެދުވެރިކޮށް ހިންގޭ ނިޒާމަކަށް ބަދަލުކޮށް، ކިޔަވައިދިނުމުގައި އުޅުއްވާ ފަރާތްތަކަށް އޮންލައިންކޮށް ކަރިކިއުލަމް ބެލެހެއްޓުމަށް އެހީތެރިވެދޭނެ އެވެ.
އުރީދޫ އިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހައާ ހަވާލާދީ ބުނީ ތައުލީމީ ފުރުސަތުތައް ފަހިވެފައި ނެތް ސަރަހައްދުތަކުގައި ވަޒީފާގެ ފުރުސަތުނެތް ޒުވާނުން ގިނަވެ، ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އުރީދޫ ސްމާރޓް ކެމްޕަސް ފަދަ ޑިޖިޓަލް ސޮލިއުޝަންތަކުން ދަރިވަރުންނަށް ކުރިމަތިވާ މިފަދަ ގޮންޖެހުންތަކާ ކުރިމަތިލައި އެ ކުދިންގެ ހަގީގީ ގާބިލިއްޔަތާ ހަމައަށް ދިއުމަށް ޓަކައި، ކުރިއެރުމުގެ ފުރުސަތުތަކެއް ހުޅުވާލަދޭ ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން، ތައުލީމީ ދާއިރާގެ ޕްރައިމަރީ، ސެކަންޑަރީ، ކޮލެޖް އަދި ޔުނިވަރސިޓީ ފަންތީގައި، ޓެކްނޮލޮޖީގެ މުހިއްމުކަމާ މެދު ހޭލުންތެރިކަން އުފެއްދުމަށް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ތައުލީމު އުނގަންނައި ދިނުމުގައި ބޭނުންކުރަމުން އައި ޒަމާންވީ ގޮތްތައް ދޫކޮށް، ޓެކްނޮލޮޖީ މެދުވެރިކޮށް ބޭނުންކުރެވޭ އީޖާދީ ގޮތްތައް ބޭނުންކުރުމަށް ބާރުއަޅާފައިވެ އެވެ.
"ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، އާބާދީ މިހައި ބޮޑަށް ފެތުރިފައިވާ ހާލަތެއްގައި، ތައުލީމާއި ތަމްރީންގެ ޚިދުމަތްތައް ޒުވާނުންނަށް ފޯރުކޮށްދިނުމަށް، އީޖާބީ ގޮތްތަކެއް ބޭނުންވެ އެވެ. ރައީސް ޔާމީންގެ، ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނަކަށް ބަދަލުކުރެއްވުމުގެ ވައުދުގެތެރެއިން، ދުރުންދޭ ތައުލީމުގެ ޒަރީޢާއިން ތައުލީމާއި ތަމްރީން ފޯރުކޮށްދޭން މިވަނީ ވަރަށް ކާމިޔާބުކަމާ އެކު ފެށިފަ އެވެ. އެގޮތުން އުރީދޫ މޯލްޑިވްސް އާއި މައިކްރޯސޮފްޓްގެ އެހީތެރިކަން ލިބުމަކީ، މި ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ލިބުނު އިތުރު ހިތްވަރެކެވެ." މިނިސްޓަރު އޮފް އެޑިއުކޭޝަން، ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.
ސްމާޓް ކެމްޕަސް މެދުވެރިކޮށް ދަރިވަރުންނަށް ކޮންމެ ގަޑިއެއްގައި ވެސް ފިލާވަޅުތައް ކިޔައި، ކިޔެވުމަށް ބޭނުންވާ ތަކެތި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި އޮންލައިންކޮށް ކޯސްވާކް ފުރިހަމަކޮށް، ސަބްމިޓް ކުރެވޭތީ ތައުލީމް ހޯދުމުގައި އިތުރު ފަސޭހަކަމެއް އެންމެހާ ބޭފުޅުންނަށް ވެސް ލިބޭނެކަމަށް އުރީދޫ އިން މައުލޫމާތުދެ އެވެ.
މައިކްރޮސޮފްޓް އެޑިއުކޭޝަން މެދުވެރިކޮށް ލިބޭ ފައިދާތަކުގެ ތެރޭގައި މުއާމަލާތްތައް ކުރުމުގެ އެހީ، ލައިވް ކޮމެންޓާއި ކުއިޒްތަކާ އެކު އޮންލައިން ކްލާސް ނޯޓްސް، ހާޒިރީ މާކް ކުރާ ސިސްޓަމް، އަދި އޮންލައިން ޝެޑިއުލިންގެ އިތުރުން ޓައިމްޓޭބަލްގެ ޙިދުމަތް ހިމެނެ އެވެ. ހަމައެއާ އެކު އެކި ކްލާސްރޫމްތަކާއި މުއާމަލާތްކޮށް، ގެސްޓް ލެކްޗަރުން ހިމަނައި، ވާރޗުއަލް ފީލްޑް ޓްރިޕްތަކުގައި ބައިވެރިވެ، ފިލާވަޅުތައް ރިކޯޑުކުރުމުގެ ފުރުސަތު ވެސް ސްމާޓް ކެމްޕަސްގެ އޮންލައިން ކްލާސް މެދުވެރިކޮށް ލިބިގެންދާނެ އެވެ.
ކޮންމެ ކުންފުންޏަކީ ވެސް، އެކުންފުންޏަކުން ޚިދުމަތްފޯރުކޮށްދޭ މުޖުތަމައުގެ އިޖްތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް މަސައްކަތްކުރަން ޖެހޭ ބަޔެއް ކަމަށް އުރީދޫ އިން ގަބޫލުކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެގޮތުން ރާއްޖޭގައި ޚިދުމަތްދޭތާ 11 އަހަރު ފުރުން، ރައްޔިތުންނަށް ފައިދާކުރާނެ ހަރަކާތްތަކާ އެކު ފާހަގަކުރުމަށް އުރީދޫ އިން ވަނީ ނިންމާފަ އެވެ. އެ ހަރަކާތްތަކުގެ ތެރެއިން، އަދި އުރީދޫގެ އިޖްތިމާއީ ޒިންމާގެ ދަށުން، އުރީދޫ ސްމާޓް ކެމްޕަސްގެ ޚިދުމަތް މޯލްޑިވްސް ޕޮލިޓެކްނިކްއަށް ވަނީ ހިލޭސާބަހަށް ފޯރުކޮށްދީފަ އެވެ.