ފ. ނިލަންދޫ އިން ފާނަ މަސްވެރިކަން ކުރަން ދޯންޏަކުން މޫދަށް ފޭބި އަށް މީހަކު ކަނޑުވެފައި ތިއްބައި އެމްއެންޑީއެފުން އެ މީހުން ސަލާމަތްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ ކަނޑުވެފައި ތިއްބާ ސަލާމަތްކުރީ ދ. ހުޅުވެހި ކިޔާ ފަޅުރަށެއް ކައިރިއަށް ފާނަ މަސްވެރިކަން ކުރަން މޫދަށް އެރި އުޅުމުގެ ތެރޭގައި ކަނޑުވި ބަޔަކު ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ މަސްވެރިކަމަށް ދިޔަ ދޯނީގެ އިންޖީނު ހުއްޓިގެން ދޯނި އޮޔާ ދިއުމާގުޅިގެން ކަމަށާއި އެމްއެންޑީއެފަށް އެ ހާދިސާ ހިނގިކަމުގެ މަޢުލޫމާތު ލިބުނު އިރު އެ ދޯނި ވަނީ މީހުން މޫދަށް ބޭލި ހިސާބަށްވުރެ 2.5 މޭލު ބޭރަށް އޮޔާ ގޮސްފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"ދަހަނާ" ނަމަކަށް ކިޔާ އެ ދޯނި މަސްވެރިކަމަށް ނުކުތީ 12 މީހުންނާއެކުގަ އެވެ. އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ.