ވަޒީރުންގެ ގޮތުގައި އައްޔަނު ކުރި ފަސް ބޭފުޅަކަށް ރުހުން ދިނުމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ދިރާސާކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް، ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަދި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރަށް ރުހުން ދިނުމަށް ފެންނަ ކަމަށް ކޮމިޓީއިން ވަނީ ނިންމައި، އެ ކޮމިޓީ ރިޕޯޓު މިއަދު މަޖިލީހުގެ ތަޅުމަށް ފޮނުއްވައިފަ އެވެ.

ކޮމިޓީ ރިޕޯޓަށް ފާޑު ވިދާޅުވަމުން އާޒިމް ވިދާޅުވީ، ކޮމިޓީގެ މަސްއޫލިއްޔަތާއި، ކޮމިޓީއިން ކުރި މަސައްކަތާ މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މި ކޮމިޓީ ރިޕޯޓާ ގުޅޭގޮތުން ދަންނަވާލަން ޖެހެނީ، ކޮމިޓީއިން މި ކުރަނީ ކޮން ކަހަލަ ދިރާސާތަކެއްތޯ؟ އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަލަން އެބަ ޖެހޭ ކޮމިޓީއިން ކުރަންޖެހޭ މަސައްކަތް. ފަސް ވަޒީރަކަށް ރުހުން ދޭން ކޮމިޓީ ރިޕޯޓުގައި އޮތް އިރު، ޖުމްލަ ހޭދަކޮށްފައިވަނީ 10 މިނިޓު. ކޮންމެ ވަޒީރަކަށް ދެ މިނިޓު،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވަޒީރުންގެ ގޮތުގައި އައްޔަނު ކުރި ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމުގެ ބަދަލުގައި، ކޮމިޓީއިން ކުރި މަސައްކަތަކީ ހަތަރު އިދާރާއަކަށް ސިޓީ ފޮނުވުން ކަމަށެވެ.

ވަޒީރުކަމަށް އައްޔަނު ކުރި ބޭފުޅުންނާ ބެހޭގޮތުން މައުލޫމާތު ހޯދުމަށް މަޖިލީހުން ސިޓީ ފޮނުވީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ހައި ކޮޓު އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށެވެ.

އާޒިމް ވިދާޅުވީ އިދާރާތަކަށް ސިޓީއެއް ފޮނުވާލުމަކުން މަސައްކަތް ނުމިނީ ނޫން ކަމަށާއި، އެ މަގާމުތަކަށް އައްޔަނު ކުރެވުނު ބޭފުޅުންގެ ކުށުގެ ރިކޯޑު ފަދަ މައުލޫމާތު ފުލުސް އޮފީހުން ވެސް ސާފު ކުރަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ވަޒީރުންގެ ގޮތުގައި އައްޔަނު ކުރި ބޭފުޅުންނަކީ ވިޔަފާރި ކުރާ ބައެއްތޯ، ނުވަތަ އެހެން ގައުމެއްގެ ޑުއަލް ސިޓިޒެންޝިޕް އޮންނަ ބޭފުޅުންތޯ އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީ ފަދަ އިދާރާތަކުން ބަލަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މީގެ އިތުރުން ބޭންކުތަކުގައި އެބޭފުޅުން ނުދައްކާ ލޯނެއް އޮތްތޯއާއި، އެބޭފުޅުންގެ އާއިލާއާ ބެހޭ މައުލޫމާތާއި، އާއިލާގައި ކުށްވެރިން އުޅޭތޯއާއި އާއިލާގެ މެމްބަރުން ކުރާ ވިޔަފާރިތައް ފަދަ މައުލޫމާތުތައް، އެ ވަޒީރުން ކޮމިޓީއަށް ހާޒިރުކޮށްގެން ވެސް ހޯދަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

މި ރިޕޯޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެމަނިކުފާނުގެ ކެބިނެޓަށް އަވަސް އަވަހަށް ބަދަލުތަކެއް ގެންނެވި ނަމަވެސް، އެއީ ވަގުތާ ހާލަތާ ގުޅުވައިގެން ރައީސް ގެންނެވި ބަދަލުތަކެއް ކަމަށޭވެ.

"ފެނިގެން މި ދަނީ، ވަގުތާ ހާލަތާ ގުޅޭގޮތަށް، ޒުވާން ގާބިލު ވަޒީރުންތަކެއް މަޖިލީހަށް ގެންނަވާ މަންޒަރު. އޭގެ ސަބަަބުން އަޅުގަނޑުމެންގެ ގައުމަށް ތަރައްގީ އަންނަ އިރު، ޒުވާނުންނަށް ބޮޑު އުންމީދުއް އެބަ ލިބޭ. ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުސަތު އޮތް ކަމާއި، ޒުވާނުންނަށް އިސްކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދު ފުއްދަވަމުން ގެންދަވާތީ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ރުހުން ދިން ފަސް ވަޒީރުންނަށް މަޖިލީހުގެ ރުހުން އޮތްތޯ ބަލާ ވޯޓުނެގުން މިއަދު މެންދުރު ފަހު އޮންނާނެ އެވެ.