ޖަޕާނުގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވިތާ 27 އަހަރު ތެރޭގައި، އެގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި، ޖަޕާނުގެ ރަސްގެފާނު އަކިހިޓޯ ޚާއްސަ ޚިތާބެއް މިއަދު ދެއްވާނެ އެވެ.

ޖަޕާނުގެ ރަސްގެފާނު އަކިހިޓޯ، ރަސްކަމުން ވަކިވެވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމުގެ ވާހަކަތައް މިދިޔަ މަހުގެ ތެރޭގައި ޖަޕާނުގެ މީޑިއާގައި ވަނީ ފެތުރިފަ އެވެ.

ޖަޕާނުގެ ގާނޫނުތައް ބުނާ ގޮތުގައި އެގައުމުގެ ޝާހީ އާއިލާ ވާންޖެހޭނީ ސިޔާސީ ހުރިހާ ކަމަކުން އެއްކިބާވެފައިވާ ބަޔަކަށެވެ. އެހެންކަމުން، ރަސްގެފާނު ވެސް މަގާމުން "އިސްތިއުފާ" ދެއްވައިފީމޭ ބުނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއީ، އިސްތިއުފާ ދިނުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުން ކަމުގައި ބެލެވޭތީ އެވެ.

ޖަޕާނުގެ ޝާހީ ގަނޑުވަރުން މިދިޔަ ހުކުރު ދުވަހު ބުނީ، އެމްޕެރާ އަކިހިޓޯ ގައުމާ މުޚަތަބުކުރައްވައި ވާހަކަ ދައްކަވާނީ، އެމަނިކުފާނުގެ ގައުމީ މަސްއޫލިއްޔަތާ މެދު ދެކިވަޑައިގަންނަވާ ގޮތާ ބެހޭގޮތުން ކަމަށެވެ.

ޖަޕާނު ގަޑިން މިއަދު 3:00 ގައި، އެމްޕެރަރ އަކިހިޓޯގެ، ރިކޯޑުކުރެވިފައިވާ ޚިތާބެއް ޓީވީތަކުން އާންމު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރަސްގެފާނުގެ ޚިތާބަށް ފަހު، ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވެސް ގައުމާ މުޚާތަބުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އުމުރުފުޅުން 82 އަހަރުގެ އެމްޕެރާ އަކިހިޓޯ ރަސްގެފާނުގެ މަގާމު އަމިއްލަ އިޚްތިޔާރުގައި ދޫކުރައްވަން ވިސްނަވަނީ، އެމަނިކުފާނުގެ ދަރިކަލުން އަދި ޖަޕާނުގެ ވަލީއަހުދު ނަރުހިޓޯއަށް ރަސްކަމަށް އާދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށެވެ.

ޖަޕާނުގެ ގާނޫނުތައް އޮތް ގޮތުގައި، އެގައުމުގައި އަންހެނަކަށް ރަނިކަމެއް ނުކުރެވޭނެ އެވެ.