08 Aug 2016, 13:27
މި ސީޒަނަށް މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗްގެ ކުޅުން ދާނީ އިތުރަށް ރަނގަޅުވަމުން ކަމަށް އޭނާ ބުނެފި އެވެ.
ކޮމިއުނިޓީ ޝީލްޑްގައި ރޭ ޕްރިމިއާ ލީގު ޗެމްޕިއަނުންނާ ދެކޮޅަށް ކުޅުނު މެޗުގައި އެފްއޭ ކަޕްގެ ޗެމްޕިއަން ޔުނައިޓެޑް މޮޅުވީ އިބްރަހިމޮވިޗްގެ ލަނޑުންނެވެ. މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް އޭނާ ކާމިޔާބުކުރި އެ ލަނޑުން ޔުނައިޓެޑް މޮޅުވެފައިވަނީ 2-1 ލަނޑުންނެވެ.
އުމުރުން 34 އަހަރުގެ ފޯވަޑް އިބްރަހިމޮވިޗް ބުނީ، ޔޫރޯ 2016 އަށް ފަހު ފިޓްނަސް ލެވަލް ރަނގަޅު ކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.
"މެންޗެސްޓާ ޔުނައިޓެޑާ އެކު ހުރެވުމުން އުފާކުރަން. ކުރިއަށްއޮތްތާ އަހަރެންގެ ކުޅުން ފެނިގެންދާނެ. އަހަރެމެން އަދި މިއުޅެނީ ފަށައިގަތުމުގައި. އަހަރެން މިދަނީ ޓީމުގެ ކުޅުންތެރިން ދަސްކުރަމުން. ހުރިހާ ކަމެއް ރަނގަޅުވުމުން އަހަރެންގެ ކުޅުން ވެސް ދާނީ ރަނގަޅުވަމުން،"އެމްޔޫޓީވީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
އިބްރަހިމޮވިޗް ޔުނައިޓެޑަށް އެންމެ ފުރަތަމަ ލަނޑެއް ކާމިޔާބުކޮށްފައި ވަނީ މިދިޔަ މަހު ތުރުކީގެ ގަލަތަސަރާއީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގަ އެވެ. އެ މެޗަކީ އޭނާ އެ ޓީމުގެ ޖާޒީގައި ފެނިގެންދިޔަ ފުރަތަމަ މެޗެވެ.