08 Aug 2016, 14:30
ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ނެތި ވެސް ޔުވެންޓަސް އަށް މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ ކަމަށް އެ ކްލަބުގެ ކުރީގެ ޑިފެންޑަރު އެންޖިލޯ އޮގްބޯނާ ބުނެފި އެވެ.
އުމުރުން 23 އަހަރުގެ ޕޮގްބާ ދަނީ މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި ދިއުމަށްޓަކައި އެ ކްލަބުގެ މެޑިކަލްގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ. ޔުނައިޓެޑުން 2012 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު މިޑްފީލްޑަރު އަލުން ޔުނައިޓެޑާ ގުޅޭނީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ އަގަކަށެވެ.
މިދިޔަ އަހަރު ޔުވެންޓަސް ދޫކޮށް ވެސްޓް ހާމް އަށް ކުޅެމުންދާ އޮގްބޯނާ ބުނީ، ޔުވެންޓަސް އަކީ ޗެމްޕިއަންސް ލީގު ހޯދުމުގެ ފެންވަރު ހުރި ޓީމެއް ކަމަށެވެ.
"އަހަރެން ދެކެނީ ޔުވެންޓަސް އަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިދާނެ ކަމަށް. ޔުވެންޓަސްގައި ވަރަށް ރަނގަޅު ސްކޮޑެއް އެބަ އޮތް. އެމީހުންނަށް ޕޮގްބާ ނެތްތަން ދައްކަފާނެ. އެކަމަކު އެ ޓީމުގައި މިރަލެމް ޔަނިޗް އަދި ގޮންޒާލޯ ހިގުއައިން އެބަހުރި. އެހެންކަމުން ޕޮގްބާ ނެތަސް އެ ޓީމުން ބޮޑު ތަފާތެއް ނުދައްކާނެ،" ޔުވެންޓަސް އަތުން 3-2 ލަނޑުން ވެސްޓް ހާމް ބަލިވި މެޗަށްފަހު ގެޒެޓާ ޑެލޯ ސްޕޯޓް އަށް ދިން އިންޓަވިއުއްގައި އޭނާ ބުންޏެވެ.
ޕޮގްބާ ގުޅެން އުޅޭ ޔުނައިޓެޑުން ވަނީ ރޭ އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން ލެސްޓާ ސިޓީ އަތުން މޮޅުވެ، ކޮމިއުނިޓީ ޝީލްޑް އުފުލާލައިފަ އެވެ. ލެސްޓާގެ މައްޗަށް ޔުނައިޓެޑު ކުރި ހޯދީ 2-1 ލަނޑުންނެވެ.