10 Aug 2016, 12:24
ގާހިރާ(އޮގަސްޓް 10): މިސްރުގެ ސަރުކާރުގެ ހުއްދައާ ނުލައި އެގައުމުގެ ފުލުހުންނަށް މީޑިއާއަށް މައުލޫމާތު ނުދެވޭ ގާނޫނެއް މިސްރުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
މިސްރުގެ ޕޮލިސް އޮތޯރިޓީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެގައުމުގެ އިންޓީރިއާ މިނިސްޓްރީގެ ހުއްދައާ ނުލައި ފުލުހުންނަށް އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރެވުމުގެ އިތުރުން، ފުލުހުންގެ މަސައްކަތާ ބެހޭ އެއްވެސް ލިޔެކިޔުމެއް، ނުވަތަ ރިޕޯޓެއް، ނުވަތަ ފޮޓޯއެއް މީޑީއާއާ ހިއްސާ ނުކުރެވޭނެއެވެ.
އަދި ގާނޫނާ ހިލާފުވާ ފުލުހުންގެ މައްޗަށް ގިނަ ވެގެން 2،252 ޑޮލަރުގެ ޖޫރިމަނާއެއް ނުވަތަ ޖަލު ހުކުމެއް ކުރެވޭނެ އެވެ.
މިސްރުގެ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ އެ އިސްލާހަކީ މަތީ މަގާމުތަކުގައި ތިބޭ ފުލުހުންގެ އަނިޔާވެރި އަމަލުތަކާއި ކޮރަޕްޝަނުގެ މައްސަލަތައް ފޮރުވުމުގެ ގޮތުން ފާސްކޮށްފައިވާ އިސްލާހެއް ކަމަށް ބުނެފައެވެ. (ރޮއިޓާސް)