10 Aug 2016, 18:03
ކައިވެނީގެ ވާހަކަދެއްކުމުގެ ކުރިން ގިނަ ލޯބިވެރިން އެންމެ ފުރަތަމަ ވެސް ނިންމާ އެއްކަމެއް އޮވެ އެވެ. މާމުއި ހަނދު ނުވަތަ ހަނީމޫނަށް ދާނެ މަންޒިލެއް ނިންމުމެވެ. ކައިވެނި ހަފްލާއަށް ބޮޑު ހޭދައެއް ކުރުމުގެ ބަދަލުގައި ހަނީމޫނަށް ހަރަދުކުރާ ވަރު އަދި އިތުރުވެ އެވެ.
އިންޑިއާގެ ފޮޓޯގުރާފަރެއް ކަމަށްވާ ފައިޒާން ޕަޓެލް ދަނީ އޭނާގެ ހަނީމޫން އިޓަލީގައި ހޭދަކުރަމުންނެވެ. ނަމަވެސް ހަނީމޫން ހޭދަކުރަމުންދަނީ ހަޔާތުގެ ބައިވެރިޔާއާ ނުލަ އެވެ. ސަބަބަކީ ދެ ހަފްތާގެ ހަނީމޫނަށް ފުރުމުގެ ކުރިން އޭނާގެ އަންހެނުން ސަނާގެ ޕާސްޕޯޓް ގެއްލިފައިވާކަން އެނގުމުންނެވެ.
ހަނީމޫން ހޭދަކުރަމުންދާ ޕަޓެލް ވަނީ މިދިޔަ ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ހުސްވެފައި އިން ގޮޑިއެއްގައި އޭނާގެ އަންހެނުންގެ ފޮޓޯއެއް ހިއްޕާފައި އިން ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ޕަޓޭލް ކުރި ޓްވީޓު ވަނީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުޝްމާސުވަރާޖްއަށް ވެސް ފެނިފަ އެވެ.
ނަތީޖާއެއްގެ ގޮތުން ޕަޓޭލް ކުރި ޓްވީޓަށް ޖަވާބު ދެމުން ސުވަރާޖް ވަނީ ޕަޓޭލްގެ އަންހެނުން އޭނާއަށް ގުޅުމަށް އެދިވަޑައިގެންފަ އެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ޑުޕްލިކޭޓް ޕާސްޕޯޓެއް ދޭނެ ކަމަށް ސްވަރާޖް ވިދާޅުވެފައިވެ އެވެ.
ނަމަވެސް އެކަމުގައި ޕަޓޭލްގެ އަންހެނުންނަކަށް އުފަލެއް ނެތެވެ. އޭނާއަށް ޕާސްޕޯޓް ލިބުނު ނަމަވެސް، އިޓަލީގައި އަރާމު ޗުއްޓީއެއް ހޭދަކުރަމުންދާ ފިރިމީހާ ޕަޓޭލް ކައިރިއަށް ދިއުމަށް ބޭނުންވާ ވިސާއެއް އަވަސް ތާރީހެއްގައި ވެސް އޭނާއަށް ލިބޭކަށް ނެތެވެ.
ޕަޓޭލް އާއި ސަނާ ކައިވެނިކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ. އަދި ކައިވެންޏަށްފަހު އިންޑިއާގެ ނެޝަނަލް ޕާކް އަކަށް ކުޑަ ހަނީމޫނަކަށް ދިޔަނަމަވެސް، އިޓަލީ އަށް ހަނީމޫނަށް ދިއުމަކީ އެ ދެމީހުން މާކުރިން ނިންމާފައިވާ ކަމަކެވެ.
"އިޓަލީއަށް ހަނީމޫނަށް ދިއުމަކީ ސަނާ ރޭވި ކަމެއް. އަހަރެން ސަނާ މަތިން ވަރަށް މިސްވޭ. އަހަރެން ކައިރީގައި އޭނާ ހުރުމަށް އުއްމީދުކުރަން،" ސީއެންއެންއަށް ދިން އިންޓަވިއެއްގައި ޕަޓޭލް ބުންޏެވެ.