ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގެ ސަބަބުން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅިގެންދާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.

ކޮޅުބުގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިވަން ކަމާއެކު ހިޔާލު ފާޅުކުރުމުގެ ފުރުސަތު ދިނުމަކީ ޑިމޮކްރަސީގެ އެއް އަސާސް ކަމަށެވެ. އަދި ޑިމޮކްރެޓިކް މުޖުތަމައުތަކަކީ އެއްވެސް އުނިކަމެއް ނެތް ފުރިހަމަ ތަންތަން ކަމުގައި ނުވިޔަސް އެފަދަ މުޖުތަމައުތައް ޒިންމާދާރު ވާނެ ކަަމަށް އެމެރިކާއިން ބުންޏެވެ.

"މުޖުތަމައު ޒިންމާދާރު ކުރުވުމުގެ ބިންގަލަކީ ހިޔާލު ބަދަލުކޮށް އުޅުމުގެ މިނިވަންކަން. ދިވެހި ރައްޔިތުންގެ މިންނަތް މަސައްކަތުން ގާއިމް ކުރި ހައްގުތަކާއި ޑިމޮކްރެޓިކް މުއައްސަސާތައް ދަމަހައްޓަން ދިވެހި ރައްޔިތުން ކުރާ ހިއްވަރުގަދަ މަސައްކަތައް އެއްބާރުލުން ދިނުމުގައި އެމެރިކާ ސަރުކާރު އަދިވެސް ދެމި ހުންނާނެ ކަމުގެ ޔަގީންކަން ދެން" އެމެރިކާ އެމްބަސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުމާ ގުޅިގެން ގިނަ އަދަދެއްގެ ޑިޕްލޮމެޓިކް މިޝަންތަކުން ވަނީ މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ރާއްޖެއިން ގެއްލިޔަ ނުދިނުމަށް އެދި ދިވެހި ސަރުކާރަށް ގޮވާލައި، ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާން ނެރުނީ އެމެރިކާ، ނޯވޭ، ޖަރުމަނު އަދި ނެދަލެންޑްސްގެ އެމްބަސީއާއި އިނގިރޭސި ހައި ކޮމިޝަނުގެ އިތުރުން ލަންކާ އާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ވިލާތުގެ އިއްތިހާދުގެ ޑިޕްލޮމެޓިކް މިޝަންގެ ފަރާތުންނެވެ.

އިއްޔެ ފާސްކުރި އަބުރުގެ ބިލަށް ތާއީދުކޮށް ސަރުކާރަށް ނިސްބަތްވާ 47 މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. އެ ބިލާ ދެކޮޅަށް ސަރުކާރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއެކު ސަރުކާރަށް ނިސްބަތްވެވަަޑައިގަންނަވާ ހަތަރު މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.

އެ ބިލާ ދެކޮޅަށް އެމްޑީޕީ އާއި ޖޭޕީ ހިމެނޭ ގޮތަށް ޖުމްލަ 31 މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.