ބޮލީވުޑުގެ ކާމިޔާބު ބަތަލާ ކަންގަނާ ރަނާވަތު އަކީ ކުރިން ވަރަށް ކަންނެތް، އަދި އެއްވެސް ވަރަކަށް ސާފުތާހިރުކަމަށް ލޯބިކުރި މީހެއް ނޫން ކަމަށާއި، ދިރިއުޅުން ރަނގަޅު ވާން ފެށީ ސާފުތާހިރުކަމަށް ސަމާލުކަން ދޭން ފެށުމުން ކަމަށް އޭނާ ބުނެފިއެވެ.

ކުރު ފިލްމެއް ރިލީޒް ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން "ތަންނޫ ވެޑްސް މަންނޫ"ގެ ތަރި ބުނީ، އޭނާ އަކީ ކުރިން ވަރަށް ކަންނެތް މީހެއް ކަމަށާއި ފެންވެރުމަކީ ވަރަށް ފޫހިވާ ކަމެއް ކަމަށެވެ.

"މަންމަމެން ވެސް ތިބީ ހަދާނެ ގޮތް ހުސްވެފައި. އެ ދުވަސްވަރު ހަޔާތުގައި އެއްވެސް ކަމެއް ރަނގަޅަކަށް ނުވޭ. ރަނގަޅު އެކުވެރިންނެއް ނުލިބޭ. އެއްވެސް ކަހަލަ ރަނގަޅު ފުރުސަތެއް ވެސް ނުލިބޭ،" ކަންގަނާ ބުނެފައިވެ އެވެ.

ހަޔާތުގެ ކަންތައްތައް ދާގޮތުން ބޯހާސްވެފައި ހުރުމަށް ފަހު، ދިރިއުޅުން ހަމައަކަށް އަޅުވަން ބައެއްކަހަލަ ލިޔުންތައް ކިޔަންް ފެށި ކަމަށާއި، އަމިއްލަ ނަފްސުގެ ތާހިރުކަމަކީ މީހާއަށް ހިތްހަމަޖެހުން ލިއްބައިދޭ އެންމެ މުހިންމު ކަންތައްކަން ދަސްވި ކަމަށް ކަންގަނާ ވަނީ ބުނެފައެވެ.

ދަސްވި ކަންތައްތަކުގެ އަލީގައި ދިރިއުޅުމަށް ބަދަލުތަކެއް ގެންނަން އޭނާ ނިންމީ އެވެ.

"އެންމެ ފުރަތަމަ ފެށީ އަމިއްލަ ހަށިގަނޑުގެ ސާފުތާހިރު ކަމުން. އެއީ ކޮންމެހެން މުހިންމު ކަމެއް. ހަޔާތުގެ ކަންކަން ރަނގަޅު ވާން ފެށީ އެ ހިސާބުން. މިހާރު ކޮންމެ ދުވަހަކު ފެން ވަރައި އަބަދުވެސް ހުންނަނީ ސާފުތާހިރުކޮށް. އަދި މަގުމައްޗަށް ކުނި ނާޅާތާ ވެސް މިހާރު 12 އަހަރު ވެދާނެ،" ކަންގަނާ ބުންޏެވެ.