ދިވެހިރާއްޖޭގެ ފުރަތަމަ ބައިނަލްއަގުވާމީ ޖަމިއްޔާ، ރީޖަނަލް އެލަޔަންސް ފޯރ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އުފައްދާ، އަށް ބަހުން ކިޔާފައިވާ ލަވަތަކެއް ހިމެނޭ ލަވަ އަލްބަމް "މިތުރު"ގެ ޓްރެއިލާ ރިލީޒް ކުރުމަށް އެޖަމިއްޔާގެ ވަފުދެއް މެލޭޝިއާއަށް މިރޭ ފުރައިފިއެވެ.

ރަފީ ޖަމިއްޔާގެ ފައުންޑިންގ ޕްރެޒިޑެންޓް އާއިޝަތު ރަފިއްޔާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، "މިތުރު" އަލްބަމްގެ ޓްރެއިލާ ލޯންޗު ކުރުމަށް ރަފީ ޖަމިއްޔާގެ ޓީމު ދަނީ، މެލޭޝިއާގެ ސަބާ ސްޓޭޓުގައި އޮންނަ، ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓުގެ އަށްވަނަ ކޮންގްރެސް އަދި ކޮންފަރމަންޓް ސެރެމަނީއަށް ކަމަށެވެ.

"މިތުރު" އަލްބަމް ރިލީޒް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، ރޯޔަލް އިންސްޓިޓިއުޓުގެ ޑޮކްޓަރ ފެލޯކަން މި އަހަރު ލިބިވަޑައިގެންނެވި، ސަން ސިޔާމް ގްރޫޕުގެ ޗެއާމަން އަދި އެމްޑީއޭގެ ލީޑަރު މެލޭޝިއާގެ ސަބާ ސްޓޭޓުގެ މިނިސްޓަރ އޮފް ޓޫރިޒަމް، ކަލްޗާ އެންޑް އެންވަޔަރަންމަންޓް ދަތުކް ސެރީ މަސީދީ މަންޖުން އެވެ.

ރަފިއްޔާ ވިދާޅުވީ، ރޯޔަލް އިންސްޓިޓިއުޝަންގެ އަށްވަނަ ގްލޯބަލް ކޮންގްރެސްގައި އަލްބަމް ލޯންޗު ކުރުމަށް ރަފީ ޖަމިއްޔާއިން ދަނީ، "މިތުރު" އަލްބަމްގެ ލަވަތައް ހުށަހަޅާ އާޓިސްޓުންނާ އެކުގައި ކަމަށެވެ.

"މިތުރު" އަލްބަމްގައި ހިމެނެނީ ނުވަ ލަވައެކެވެ. އޭގެ ތެރޭގައި، އަލްބަމްގެ ތީމް ލަވައިގެ އިތުރުން، ތަފާތު އަށް ބަހަކުން އަށް ލަވަ އެވެ.

އެ އަށް ބަހުގެ ތެރޭގައި ދިވެހި، އިނގިރޭސި، ރަޝިއާ ބަސް، ޗައިނީޒް، މެލޭ ބަސް، އަރަބި، އަދި ޓެގެލޮގް ބަސް ހިމެނެ އެވެ.

މި ލަވަ އަލްބަމްގައި ހިމެނޭ އަށް ބަހުގެ ލަވައިގެ ޅެމާއި މިއުޒިކް ތައްޔާރުކޮށްފައިވަނީ މިއުޒިކް ޕްރޮޑިއުސާ ޒިފާން ޒާހިދެވެ.

ރަފިއްޔާ ވިދާޅުވި ގޮތުގައި، މި އަލްބަމްގައި ލަވަ ހުށަހަޅާ ދިވެހި ހަ ލަވަކިޔުންތެރިންނަށް، ރޯޔަލް އިންސްޓިޓިއުޝަން އޮފް އާޓިސްޓްސްގެ މެމްބަރޝިޕް ލިބެ އެވެ.

އެ ލަވަކިޔުންތެރިންނަކީ މުހައްމަދު މުއައްޒިން ނައީމް، މުހައްމަދު ޒަލީފް އަބްދުﷲ، ސަމާހާ މޫސާ، ފާތިމަތު ނައްބަތު ޝަކީބު، މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އަދި 11 އަހަރުގެ އައިމިނަތު އައިނީ ރިލްވާނެވެ.

ރަފިއްޔާއަކީ ރޯޔަލް އިންސްޓިޓިއުޝަންގެ ފެލޯޝިޕް ލިބުނު ފުރަތަމަ ދިވެއްސެވެ. އަދި ރޯޔަލް އިންސްޓިޓިއުޓު އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެކުނު އޭޝިއާގެ އޮނަރަރީ ޕްރެޒިޑެންޓްވެސް މެ އެވެ.