ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަންވަރު އިބްރާހިމް ރާއްޖޭން ބޭރަށް ނުދާށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް ދޫކޮށްލައިފި އެވެ.

އަންވަރު ހައްޔަރުކޮށްފައިވަނީ ގާނޫނުގައި މަނާކޮށްފައިވާ ތަންތަނަށް އެއްވުމަށް ގޮވާލައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމަށް ހިތްވަރު ލިބިދޭ ގޮތަށް ވާހަކަދައްކަވާފައި ވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިއަދުގެ ވަގުތެއްގައި ބަންދާ މެދުގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަންވަރު ދޫކޮށްލީ ރާއްޖޭން ބޭރަށް ނުދާން ޝަރުތުކޮށްފައިކަން 'ސަން' އަށް ވަނީ އެނގިފަ އެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކައިގެން އަންވަރު ހައްޔަރު ކޮށްފައިވާއިރު ދާދި ފަހުން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

އެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ހިޔާލު ފާޅުކުރުމަކީ ކުށެކެވެ. އޭގެތެރޭގައި ގައުމުގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުންލިބޭ ފަދަ ހިޔާލު ފާޅުކުރުމާއި ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމަށް ނުވަތަ ހަތިޔާރު ބޭނުންކޮށްގެން އުދުވާނީ ހަރަކާތް ހިންގުމަށް ގޮވާލައި ހިޔާލު ފާޅު ކުރުމަކީ ކުށެއް ގޮތުގައި ހިމަނާފައިވެ އެވެ.

އެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ކަންކަން ސާބިތު ކުރުމުގެ މިންގަނޑަކީ ފާޅުކުރެވުނު ހިޔާލަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ހިޔާލެއްކަން ބުއްދި ސަލާމަތުން ހުރި މީހަކަށް ގަބޫލު ކުރެވުމެވެ.

އެހެެންކަމުނެ އަންވަރު ދެއްކި ވާހަކައަކީ ނުވަތަ ފާޅުކުރި ހިޔާލަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ހިޔާލެއްކަން ބުއްދި ސަލާމަތުން ހުރި މީހަކަށް ގަބޫލު ކުރެއްވިއްޖެ ނަމަ އެކަން ސާބިތުވާނެ އެވެ.