14 Aug 2016, 09:13
މާލޭގެ އެންމެ ފާހަގަކޮށްލެވޭ ސަރުކާރު ސްކޫލެއްގައި އޭލަވަލްގައި ތަފާސްހިސާބް ކިޔަވައިދޭން ގެނައި ބޭރު ޓީޗަރެއްގެ ފެންވަރު ދަށް ކަމަށް ފާހަގަކުރެވިގެން އޭނާ ކިޔަވައިދޭ ކުދިންނަށް ދޭ 70 މާކްސްގެ ޓެސްޓް ޕޭޕަރަކުން އެޓީޗަރަށް ޓެސްޓެއް ހެދުމަށް ދިނުމުން އޭނާ އަށް ލިބުނީ ހަ މާކްސް އެވެ. ދެން އޭނާ ގްރޭޑް ނުވަ އަކަށް ކިޔަވައިދޭން ބަދަލުކުރި އެވެ. އެވަރުންވެސް އޭނާއަކަން އެކަން ނުވި އެވެ. ދެން އޭނާ ފޮނުވީ ރ. އަތޮޅު ރަށަކަށެވެ. ފެންވަރުދަށްވެގެން އަނެއްކާ އެސުކޫލުން ވެސް ޓެސްޓެއް ދިނެވެ. އެފަހަރު ދިން 130 މާކްސްގެ ޓެސްޓްއަކުން ލިބުނީ ނުވަ އެކެވެ.
އެފަދަ ޝަކުވާތަކާ ގުޅިގެން ބެލިބެލުމުން އެފަދަ ކިތަންމެ ޓީޗަރުންނެއް ރާއްޖޭގައި މަސައްކަތް ކުރާކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެގޮތަށް ގެންނަ ޓީޗަރުންގެ ފެންވަރު ދަށްވެ އެމީހުން އެ ސްކޫލަކަށް ކަމުނުދިއުމުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޮނުވާކަމުގެ ވާހަކަ އަކީ ވެސް ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ޔަގީންކޮށްދޭ ކަންކަމެވެ.

ދިވެހި ޓީޗަރުންތަކެއް ދަރިވަރުންތަކާ އެކު-- ފޮޓޯ: އެޑިއުކޭޝަން
ފޭކް ޓީޗަރުން ވަރަށް ގިނަ!
ރާއްޖޭގެ ތައުލީމީ ނިޒާމު ހިނގަމުންދާ ގޮތް ބެލުމަށް އެޑިއުކޭޝަންގެ ސެކްޝަނަކުން ދޭތެރެދޭތެރެއިން ސާވޭތައް ހިންގަ އެވެ. އެފަދަ ސާވޭތަކުގައި މަސައްކަތްކުރާތާ އެތައް ދުވަސްވެފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ އެކި ސުކޫލުތަކުގައި ފޭކް ޓީޗަރުން އުޅެ އެވެ. އޭގެ ތެރެއިން ގިނައީ ބިދޭސީ ޓީޗަރުން ކަމަށާއި މަދުން ނަމަވެސް ދިވެހި ފެންވަރުނެތް ދިވެހި ޓީޗަރުން އުޅޭ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ވަކި އަދަދެއް ބުނާކަށް ނޭނގޭ، އެކަހަލަ ދިރާސާއެއް ކުރެވިފައެއް ނެތް، އެކަމަކު ފެންވަރު ދަށް ޓީޗަރުން ބިދޭސީންނާއި ދިވެހިންގެ ތެރޭގައި ވެސް އެބައުޅޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ މައުލޫމާތުދޭ ގޮތުގައި އެގޮތަށް ފާހަގަކުރެވޭ ބިދޭސީ ޓީޗަރުންނަކީ ތައުލީމީގޮތުން ވަރަށް ދަށް ބޭފުޅުންނެވެ. ރަނގަޅަށް އިނގިރޭސި ބަސް ނޭނގޭ ފަރާތްތައް އުޅެ އެވެ. އަދި ދިވެހި ޓީޗަރުންގެ ފެންވަރު ދަށްވެގެން އެ މައްސަލަ ބަލާއިރު މީހުން ލައްވައި އެސައިންމެންޓް ހަދައިގެން ސެޓްފިކެޓު ހޯދައިގެން ތިބި ޓީޗަރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެންވަރުނެތް ޓީޗަރުން ރާއްޖޭގައި އުޅޭކަން ފާހަގަވުމުން ސްކޫލުތަކުން ދަނީ އެޓީޗަރުން ވަކިކުރަމުންނެވެ. ނަމަވެސް އެޓީޗަރުން ރާއްޖެއަކުން ނުދެ އެވެ. އަނެއްކާ ވެސް ދަނީ އަނެއް ސުކޫލަކަށެވެ. އެހެންކަމުން އެމީހުންގެ ކިބައިން ސަލާމަތެއްނުވެ އެވެ.
"އަޅުގަނޑު ވެސް ވާނެ އަހަރެއްގެ މައްޗަށް އެގޮތަށް [ފެންވަރުނެތް] ތިން ޓީޗަރުން ނުވަތަ ހަތަރު ޓީޗަރުން ވަކިކޮށްފައި، އެކަމަކު އެމީހުން ދަނީ އަނބުރާ ރަށަކަށް ނޫން، އެމީހުން ދަނީ އަތޮޅުތެރެއަށް،" ދެ ސްކޫލެއްގެ ޕްރިންސިޕަލްކޮށްފައިވާ ފަރާތަކުން ބުންޏެވެ.
ސެޕްޓެމްބަރު 1، 2015: 3 ވަނަ ބައިނަލްއަގުވާމީ ޓީޗަރުންގެ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފައިލް ފޮޓޯ
ޓީޗަރުންގެ ހައްގުގައި މަސައްކަތްކުރާ ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފު އަބްދުލްހަކީމް ވިދާޅުވީ އެ ޝަކުވާ ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށާއި އެއީ ރާއްޖޭގައި ހިނގާ ކަމެއް ކަމަށެވެ. ހާލަތު އޮތް ގޮތުން ކަމަށް ބުނެ އިތުރު ތަފްސީލެއް ނުދިނެވެ.
މިހެން މިވަނީ ކީއްވެ؟
ފެންވަރުދަށް ޓީޗަރުން އިންތިހާއަށް އިތުރުވެގެން ދިޔަ ސަބަބެއް ކަމަށް އޭރު ބެލިވިފައި ވަނީ އެޖެންޓުން މެދުވެރިކޮށް ޓީޗަރުންގެނައުމެވެ. އެގޮތުން ކަމާގުޅޭ ތަޖުރިބާއެއް ނެތް ބަޔަކު ޓީޗަރުން ގެނައުމަށް ހަވާލުވުމުން ގިނައިން ފައިސާ ދިން މީހާ އަވަހަށް ގެނައުމުގެ އުސޫލުގެ ދަށުން އެމީހުން ދިޔައީ ޓީޗަރުން ގެންނަމުންނެވެ.
ފަހުން ފަހުން ޓީޗަރުން ހޯދުމަށް ޓަކައި ތައުލީމީ ދާއިރާއަށް ނިސްބަތްވާ ޓީމަކުން ދިޔައީ ރާއްޖެ އިން ބޭރަށް ރަސްމީ ދަތުރުތަކެއް ކުރަމުންނެވެ. އެޓީމުގެ މަސައްކަތަކީ ޓީޗަރުންގެ ފެންވަރު ބަލައި އިންޓަވިއު ކުރުމެވެ. ކުރެވޭ ތުހުމަތަކީ އެޓީމްތެރޭގައި ވެސް އިންތިހާއަށް ކޮރަޕްޝަން އޮތްކަމެވެ. ފެންވަރު ނެތަސް ފައިސާދޭ މީހާ ޓީޗަރުންގެ ގޮތުގައި ގެންނަން ފަށާފައިވާ ކަމަށް އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގުތަކުން ވެސް އެނގެ އެވެ. އަދި އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ބައެއް މަސްދަރުތަކުން ވެސް ޔަގީންކޮށްދެ އެވެ.
"ކޮރަޕްޝަން ހުރިހާ ކަމެއްގައި ވެސް އުޅެނީ، ސްކޫލުތަކުން ބޮޑު ޕެނަލް އެއް ރާއްޖެ އިން ބޭރަށް ދާއިރު ވެސް އިންޓަވިއުއަށް ދާއިރު ވެސް އެކަންތައް ހަމައޮތީ، ޕެނަލް ތެރޭގައި ވެސް ކޮރަޕްޝަން އޮތީ،" އެޑިއުކޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އަވަށްޓެރި ގައުމުތަކަށް ބަލާއިރު ފޭކް ސެޓްފިކެޓެއް ހަދާލުމަކީ ވަރަށް ވެސް ފަސޭހަ ކަމެކެވެ. ސަރުކާރުން ބޮޑު ހަރަދުކޮށްގެން އިންޓަވިއުކުރަން ފޮނުވާ ޓީމުން ޓީޗަރެއްގެ ބޮލަށް 2000 ވަރަކަށް ޑޮލަރު ނަގައިގެން އެމީހުން ރާއްޖެ ގެންނަކަން ވަނީ ފަޅާއަރައިފަ އެވެ. އެކަން ފަޅާއަރަނީ ޓީޗަރުންގެ ފެންވަރުނެތިގެން ފޮނުވާލަން މަސައްކަތްކުރާ ހިސާބުން އެމީހުން ކިޔައިދޭ ވާހަކަތަކުންނެވެ.

މާލޭ ސްކޫލްތަކުގެ ޓީޗަރުންތަކެއް: ރަނގަޅު ޓީޗަރުން ގިނަ
"ފެންވަރު ދަށްވެގެން އެ ޓީޗަރަކު ކަނޑާލަން އުޅުނީމަ އެޓީޗަރަކު އައިސް އަޅުގަނޑުމެން ކައިރި ރޯނެ މިއައީ ގެދޮރުު ވެސް ވިއްކާފައޭ، މިވެނި ބަޔަކަށް މިހާވަރަށް ލާރި ދިނީމޭ، ދެން ކިހިނެއްހޭ އުޅޭނީ،" އެޑިއުކޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
އެޑިއުކޭޝަންއިން އެކަން ދޮގުކުރޭ!
ހިނގާ ކަމަށް އެ ބުނާ ކަންތައް އެޑިއުކޭޝަން މިނިސްޓްރީން ދޮގުކުރެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި ރާއްޖެ އިން ބޭރުން ޓީޗަރުން ގެންނައިރު ގެންނަނީ އިންޓަވިއުކޮށްގެން ފާހަގަކުރެވޭ ރަނގަޅު ޓީޗަރުންނެވެ.
"އިންޓަވިއު ޕުރޮސެސް ތެރޭގައި އެމީހުންނަކީ އެކަންކަމަށް ކަނޑައެޅިފައިވާ ޝަރުތުތަކާ އެއްޗެހި އެ ސުޓޭޓަކުން ނުވަތަ އެގައުމަކުން ގަބޫލް ކުރާ ސަނަދުތަކެއް ހޯދާފައިތިބޭ މީހުން އަޅުގަނޑުމެން މިކޮޅަށް ގެންނަނީ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓީޗަރުން ރާއްޖެ ގެނެސް އެޓީޗަރެއްގެ ފެންވަރު ދަށް ކަން ފާހަގަ ކުރެވިއްޖެ ނަމަ އެ މުއްދަތުގެ ތެރޭގައި އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލަމުން އަންނަ ކަމަށެވެ. އެފަދަ ފެންވަރު ނެތް މީހުން އެހެން ސުކޫލުތަކަށް ނުފޮނުވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
ގައުމަށް އޮތް ބޮޑުބިރެއް!
ތައުލީމަކީ ކުދިންގެ ސިކުނޑީގެ ކާނާ ކަމަށްވާ އިރު ކުދިން ބިނާވާނީ ޓީޗަރުން ކިޔަވައިދޭ އެއްޗަކަށެވެ. އެއީ ރަނގަޅު ޖީލެއް ބިނާކުރުމުގެ ޒިންމާ އުފުލަން ޖެހޭ ފަރާތްތަކެވެ. އެހެންކަމަށްވާ ނަމަ އެފަދަ ފަންނީ ކަމެއްގެ ތަޖުރިބާނެތް ފަރާތްތަކުން އެފަދަ ކަންކަމާއި ހަވާލުވުމުން ކުދިންނަށް ނޭދެވޭ އެތައްކަމެއް ތަހައްމަލް ކުރަންޖެހެ އެވެ.
އިސްކަންދަރު ސްކޫލުގެ، 2014 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން -- ސަން ފައިލް ފޮޓޯ
ރަނގަޅަށް ތައުލީމް ހާސިލްނުކޮށްތިބި މީހުން އައިސް ދަރިވަރުންނަށް ކިޔަވައިދޭން ފެށުމުން އެކުދިންނަށް ރަނގަޅުގޮތް އޮޅެ އެވެ. ޓިއުޝަން ޓީޗަރު ބުނެދޭ ގޮތާއި ސުކޫލު ޓީޗަރު ބުނެދޭ ގޮތް ތަފާތުވުމާއި އިންޓަނެޓުން ލިބޭ މައުލޫމާތާއި ޓީޗަރު ކިޔަވައިދޭ ގޮތް ތަފާތުވުމަކީ އެތައް ފަހަރަކު ދިމާވާ މައްސަލަތަކެވެ.
ކިޔަވައިދިނުމަކީ ހަމައެކަނި ފޮތުގައި އޮތް އެއްޗެއް ބުނެދީގެންވާނެ ކަމެއް ނޫނެވެ. ކުދިންނާއެކީ އުޅުމާއި އެކުދިން ބެލެހެއްޓުމަށް ވެސް ހާއްސަ ހުނަރުތަކެއް ލިބިގެންދާންޖެހެ އެވެ. އެފަދަ ތަންދޮރެއް ނޭނގޭ ޓީޗަރުންގެ ސަބަބުން ކުދިންނަށް ދިމާވާ ބުލީ ކުރުން އަދި އެފަދަ މައްސަލަތަކަށް ހައްލު ނުގެނެވި ކުއްޖާ ބާކީވެގެން ދިއުމަކީ ކައިރީގައި އޮތް ކަމެކެވެ.
މާދަމާ ގައުމާއި ހަވާލުވާނެ ކުދިންނަށް ކިޔަވައިދޭން ތިބި ޓީޗަރުންގެ ފެންވަރު މިހުރީ މިހާހިސާބުގަ އެވެ. ޑޮލަރުގެ ދަހިވެތިކަމުގައި ގައުމު އެލަނީ އަނދަވަޅަށެވެ. މިއީ އަވަސް ހައްލެއް ބޭނުންވާ ކަމެކެވެ. ނޫނީ މާދަމާ ވަރަށް ވެސް އަނދިރި އެވެ.