13 Aug 2016, 12:35
ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ޔުވެންޓަސް އިން މެންޗަސްޓާ ޔުނައިޓެޑަށް ބަދަލުވި ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް އެ ޓީމް ލީގްގައި ކުޅޭ ފުރަތަމަ މެޗުގައި ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެއެވެ.
ޕޮގްބާ ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ސީޒަނުގައި ކޮޕާ އިޓާލިއާ ގައި އޭނާއަށް ދެއްކި ދެ ރީނދޫ ކާޑުގެ ސަބަބުންނެވެ. ފުރަތަމަ ރީނދޫ ކާޑަކީ އޭނާގެ ކުރީގެ ކްލަބު ޔުވެންޓަސް އިން އިންޓަރ މީލާންއާ ދެކޮޅަށް ކުޅުނު މެޗެއްގައި ދެއްކި ރީނދޫ ކާޑެކެވެ. ޕޮގްބާއަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ކޮޕާ އިޓާލިއާ ފައިނަލް މެޗުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
އެ މެޗާ އެކު ޔުވެންޓަސް އިން ސީޒަންގެ ހުރިހާ މެޗެއް ނިންމާލިއިރު ސަސްޕެންޑް ކުރެވިފައިވާ ޕޮގްބާއަށް މިސީޒަނުގައި ކުޅޭ ފުރަތަމަ ގެއްލޭނެއެވެ.
މީގެ ކުރިން ވެސް ޔުނައިޓެޑަށް ކުޅުނު ޕޮގްބާ އެޓީމާ އަލުން ގުޅުނީ މިދިޔަ އަންގާރަ ދުވަހު 89 މިލިއަން ޕައުންޑްގެ އަގަކަށް ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔުނައިޓެޑްގެ އާ ކޯޗު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އެ ޓީމް އާސީޒަނަށް ނިކުންނަށް ތައްޔާރުވެފައިވާ އިރު ފުރަތަމަ މެޗުގައި މާދަމާ ހަވީރު ޔުނައިޓެޑް ނިކުންނާނީ އޭއެފްސީ ބޯންމައުތުއާ ދެކޮޅަށެވެ.
އެ މެޗަށް ޕޮގްބާގެ އިތުރުން އެޓީމުގެ ކްރިސް ސްމޯލިން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ޔުނައިޓެޑަށް އަލަށް ގުޅުނު ޒްލަޓާން އިބްރަހިމޮވިޗާއި ހެންރިކް މިކިތަރްޔާން އަދި އެރިކް ބައިލީއަށް ކުޅެވޭނެ އެވެ.