14 Aug 2016, 16:18
ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރައްވާ ފުރަތަމަ ބައިނަލްއަގުވާމީ ރަސްމީ ދަތުރުފުޅުގައި، ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު މެލޭޝިއާއަށް ވަޑައިގެންފި އެވެ.
ނައިބު ރައީސް ޖިހާދު މިއަދު މެލޭޝިއާއަށް ވަޑައިގަތުމަށް ފުރާވަޑައިގަތީ، މި ހަފްތާގެ އަންގާރަ ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް މެލޭޝިއާގެ ޕުޓްރާޖާޔާގައި އޮންނަ އިންޓަނޭޝަނަލް ކޮންފެރެންސް އޮން ބްލޫ އޯޝަން ސްޓްރެޓަޖީގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާގެ ސަރުކާރުގެ ފަރާތުން ލިބިވަޑައިގަތް ދައުވަތަކާ ގުޅިގެންނެވެ.
ބްލޫ އޯޝަން ސްޓްރެޓަޖީއަކީ ވިޔަފާރީގެ މާކެޓެއްގައި ގިނަ ކުންފުނިތަކަކުން އެއް ކަމެއް ހާސިލުކުރުމުގެ ތެރޭގައި ވިޔަފާރިތަކަށް ލިބޭ ފައިދާއަށް ވާދަކޮށް، ލިބޭ ފައިދާ ކުޑަ ވުމުގެ ބަދަލުގައި، އާ މާކެޓުތައް އުފައްދައި އާ މާކެޓުތައް ދިރާސާ ކުރުމުގެ އެވެ.
ބްލޫ އޯޝަން ސްޓްރެޓަޖީއާ ބެހޭ މި ބައިނަލްއަގުވާމީ ކޮންފަރަންސްގެ ހަވާސާގައި އޮންނަ، އިސްވެރިންގެ ސަމިޓުގައި ނައިބު ރައީސް ތަގުރީރު ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކޮންފަރަންސްގެ ފުރަތަމަ ދުވަހު އޮންނަ މި ސަމިޓުގައި، ނައިބު ރައީސް ޖިހާދުގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ލީޑަރުން ވެސް ތަގުރީރު ކުރައްވާނެ އެވެ. އޭގެ ތެރޭގައި މެލޭޝިއާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު ތުން ރައްޒާގާއި، ސްވަޒިލެންޑްގެ ރަސްގެފާނު މްސްވާޓީއާއި، ނައުރޫގެ ރައީސް ބެރޮން ވާގާގެ އިތުރުން ތައިލެންޑްގެ ބޮޑުވަޒީރު ޕްރާޔުތު ޗަން އޮޗާ ހިމެނެ އެވެ.
މި ކޮންފަރަންސްގައި ބައިވެރިވާ، ފާހަގަ ކޮށްލެވޭ އެހެން ބޭފުޅުންގެ ތެރޭގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑާއި ޕާކިސްޓަނުގެ ފިނޭންސް މިނިސްޓަރު ޚުއްރަމް ދަސްތަގިރު ޚާންއާއި އެއާ އޭޝިއާ ގްރޫޕުގެ ސީއީއޯ ޓޯނީ ފެނާންޑޭޒްގެ އިތުރުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް އިޔާދް އަމީން މަދަނީ ހިމެނެ އެވެ.
މީގެ އިތުރުން މެލޭޝިއާ ސަރުކާރުގެ އިސްވެރިން ވެސް މި ކޮންފަރަންސްގައި ތަގުރީރު ކުރާ ގޮތަށް ހަމަޖެހިފައިވާ އިރު، ޖުމްލަކޮށް ކޮމަންވެލްތާއި އާސިއާންގެ އިތުރުން އޯއައިސީގެ މެމްބަރު ގައުމުތަކާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން 3،000 އަށް ވުރެ ގިނަ ބައިވެރިން މި ކޮންފަރަންސްގައި ބައިވެރިވާނެ އެވެ.