ހއ. އުތީމުގައި 100 އެނދުގެ ޓޫރިސްޓު ހޮޓަލެއް ތަރައްގީ ކުރުމަށް ބިން ދޫކުރުމަށް ކައުންސިލުން ތައްޔާރުވެއްޖެއެވެ.

އުތީމު ކައުންސިލްގެ ރައީސް އަސްރާރު އާދަމް ވިދާޅުވީ، ޓޫރިސްޓު ހޮޓަލެއް އެޅުމަށް ދޫކުރަނީ އެރަށުގެ ހުޅަނގު އުތުރު ފަރާތުން 25463 އަކަމީޓަރުގެ ބިމެއްކަމަށާއި އެ ބިން ހޮޓާ އެޅުމަށް ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރު ދުވަހުގެ މުއްދަތަަށް ކަމަށެވެ.

އަސްރާރު ވިދާޅުވީ މިމަހުގެ 18 ވަނަ ދުވަހު ބީލަން ފޮތް ވިއްކަން ފަށާނެ ކަމަށާއި، ފޮތެއް ވިއްކާނީ ދިވެއްސަކަށް ނަމަ 2000 ރުފިޔާއަށް އަދި ބިދޭސީ އަކަށްނަމަ 3500 ރުފިޔާ އަށް ކަމަށެވެ. ބީލަން ފޮތް އަންނަ ސެޕްޓެމްބަރު މަހުުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލުން ގަންނަން ލިބެން ހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީލަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އޮޮކްޓޫބަރު މަހުގެ 18 ވަނަ ދުވަސް ކަމަށާއި، ބީލަން ހުޅުވުންވެސް އޮންނާނީ އެދުވަހު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އުތީމުގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށް ކުރަން ޖެހޭ ކަންކަން ކުރުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން އެ ރަށު ކައުންސިލަށް ދީފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

އެއްވެސް ވަރަކަށް ޓޫރިޒަމް ނެތް އުތީމަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ތަންތަން ހުރި އަދި ތާރީހާ ގުޅިފައިވާ އެތައް ވާހަކައެއް ނިސްބަތްވާ ރީތި ހިތްފަސޭހަ ރަށެކެވެ. ދިވެހިރާއްޖޭގައި މިހާރު ހުރި އެންމެ ދުވަސްވީ ގެ، އުތީމު ގަނޑުވަރު ހުންނަނީ އެރަށުގައެވެ.