15 Aug 2016, 00:27
ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
ރަށުން ބޭރުގައި މިއަދު އޭއެފްސީ ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެފައިވަނީ 3-1 ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި، ޔުނައިޓެޑުން ވަނީ ލީޑު ހޯދައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ފަސް މިނެޓް ކުރިން އެ ޓީމަށް ލީޑު ހޯދައިދިނީ ސްޕެއިން މިޑްފީލްޑަރު ހުއާން މަޓާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކޮށްފައިވަނީ ބޯންމައުތުގެ ސައިމަން ފްރާންސިސް އަށް ހެދުނު ގޯހަކުންނެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. އެންތޮނީ މާޝިއަލް ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ބޯންމައުތުގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 64 ވަނަ މިނެޓުގައެވެ. ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އަލަށް އެ ޓީމާ ގުޅުނު ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އެވެ. ބޯންމައުތުގެ ޕެނަލްޓީ އޭރިޔާ ބޭރުން އިބްރަހިމޮވިޗް އުފެއްދި އެ ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.
މެޗުގައި ބޯންމައުތުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ އިބްރަހިމޮވިޗް ލަނޑުޖެހިތާ ފަސް މިނެޓް ފަހުންނެވެ. ޔުނައިޓެޑުގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށް ފަހު، ލެވިސް ގްރެބަން ދިން ބޯޅައަކުން ބޯންމައުތަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޑަމް ސްމިތު އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. ރާއްޖޭގަޑިން މާދަމާ ރޭ 12:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި ވެސްޓް ހާމް ޔުނައިޓެޑެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައެވެ.