ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕްގެ ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދި އިރު، ލ. އަތޮޅުގެ ޗެމްޕިއަންކަން ގަމު ޓީމުން ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގައި ގުރައިދޫގެ މައްޗަށް ތިމަރަފުށި ކުރި ހޯދާފައި ވަނީ 2-1 ލަނޑުންނެވެ. ގުރައިދޫގައި ކުޅުނު އެ މެޗުން މޮޅުވެ، ތިމަރަފުށިން ޗެމްޕިއަންކަން ހޯދީ 6-3 ލަނޑުގެ އެގްރިގޭޓަކުންނެވެ.

ތ. އަތޮޅުގެ ފައިނަލް ކުރިއަށް ގޮސްފައި ވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. އެގޮތުން ފައިނަލް ކުރިއަށް ގޮސްފައި ވަނީ ތ. އަތޮޅު ގްރޫޕް އޭ އަދި ގްރޫޕް ބީގެ އެއްވަނަ ޓީމުގެ މެދުގަ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ލ. އަތޮޅުގެ ޗެމްޕިއަން ގަން ޓީމު: އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މާބައިދޫގެ މައްޗަށް ކުރި ހޯދައިގެން --- ފޮޓޯ: އެފްއޭއެމް

ލ. އަތޮޅުގެ ފައިނަލުގައި ވާދަކޮށްފައި ވަނީ ގަން ފުޓްބޯޅަ ޓީމާއި މާބައިދޫ ފުޓްބޯޅަ ޓީމެވެ. އިއްޔެ ހަވީރު ކުޅުނު އެ މެޗުން ގަން މޮޅުވެފައި ވަނީ 1-0 ލަނޑުންނެވެ.

ތިމަރަފުށްޓާއި ގަން ޓީމު ދެން ނުކުންނަން ޖެހޭނީ ޒޯން ހައެއްގެ ފައިނަލުގަ އެވެ. ހޯމް އެންޑް އަވޭ އުސޫލުން ޒޯން ހައެއްގެ ކުޅުން ކުރިއަށްދާ އިރު، ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ތިމަރަފުށްޓާއި ގަމު ޓީމުގެ މެދުގައި ކުޅޭ އެ ދެ މެޗަށްފަހު އެގްރިގޭޓުން ކުރީގައި އޮންނަ ޓީމަކަށް ޒޯން ހައެއްގެ ޗެމްޕިއަންކަން ލިބޭނެ އެވެ.