ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސޮނީ ސްޕޯޓްސް އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގައި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓް ކުޅުނު ހަތަރު ވަނަ މެޗު ވެސް ކާމިޔާބުކޮށްފި އެވެ.

ޒޯން އެކެއްގައި އިއްޔެ ހަވީރު މީރު އައިލެންޑް ރިސޯޓާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާ އެކު ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ވަނީ ކާމިޔާބުކޮށްފަ އެވެ.

އިއްޔެ ކުޅުނު އެ މެޗު ރީތި ރަށް ރިސޯޓުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ރީތި ރަށް ރިސޯޓުން ގެންދިޔައީ 22-25، 19-25 އަދި 18-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ރީތި ރަށް ރިސޯޓުގެ އަލީ ހުޒާމް އެވެ.

ޒޯން އެކެއްގައި އިއްޔެ ކޮކޯ ބޮޑުހިއްޗާ ދެކޮޅަށް ކުޅުނު މެޗު 3-1 ސެޓުން ކުރުނބާ މޯލްޑިވްސް ވަނީ މޮޅުވެފަ އެވެ. އެ މެޗުގެ ސެޓުތައް ކުރުނބާ އިން ގެންދިޔައީ 25-20، 25-22، 16-25 އަދި 25-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ކުރުނބާގެ ހަސަން ޝަރީފެވެ.

އެ މުބާރާތުގެ ޒޯން އެކެއްގައި ހަ ޓީމެއް ވާދަކުރެ އެވެ. އެއީ ބަނޑޮސް މޯލްޑިވްސް އާއި، ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓާއި، ޝެރެޓަން މޯލްޑިވްސް އާއި، ކުރުނބާ މޯލްޑިވްސް އާއި، މީރު އައިލެންޑް ރިސޯޓް އަދި ކޮކޯ ބޮޑުހިތި އެވެ.