15 Aug 2016, 14:00
ކޮލަމްބޯ (އޮގަސްޓް 15): ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނާމަލް ރާޖަޕަކްސަ އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.
ހިޔާނާތުގެ މައްސަލައަކާ ގުޅިގެން މިދިޔަ މަހު ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ނާމަލް އަނެއްކާ ވެސް ހައްޔަރުކޮށްފައި ވަނީ ލަންކާގެ ފައިނޭންޝިއަލް ކްރައިމްސް އިންވެސްޓިގޭޝަންސް ޑިވިޝަން (އެފްސީއައިޑީ)ންނެވެ.
ލަންކާގެ ނޫސްތަކުގައިވާ ގޮތުން ނާމަލް ހައްޔަރުކޮށްފައި ވަނީ އޭނާގެ ކުންފުންޏެއް ކަމަށްވާ ގަވާސް ކޮމްޕެނީ އިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ހެލޯ ކޯޕްސްގެ ހިއްސާތައް ގަތް ގޮތާ ގުޅިގެން ނާމަލްގެ ބަޔާނެއް ނެގުމަށެވެ. ގަވާސް ކުންފުނިން އެހިއްސާތައް ގަނެފައި ވަނީ ޝައްކު ކުރެވޭ ގޮތަކަށް ކަމަށްވެ ރިޕޯޓުތަކުގައިވެ އެވެ.
އެފްސީއައިޑީ އަށް އެ މައްސަލަ ހުށަހަޅާފައި ވަނީ އެންޓި ކޮރަޕްޝަން ފްރޮންޓުންނެވެ. އަދި އެފްސައިޑީން ވަނީ އެމައްސަލަ ފޯޓް މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފަ އެވެ.
އެފްސީއައިޑީން ވަނީ އެ މައްސަލާގައި ނާމަލްގެ އިތުރުން ތުހުމަތު ކުރެވޭ ފަސް މީހެއްގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. (ހިރުނިއުސް)