މާލޭ ވިޔަފާރި ބަނދަރު ބޮޑުކޮށް، އެތަނުގައި އެއްފަހަރާ ތިން ބޯޓު ބޭއްވޭނެ ޖާގަ ހެދުމަށް ހާއްސަ ޕްރޮޖެކްޓެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ޖުނެއިދު ވިދާޅުވެއްޖެއެވެ.

މީރު ބަހުރު ބަނދަރުގައި މިސްކިތަކާއި ދަތުރުވެރިންގެ މާލަމެއްގެ އިތުރުން ފިހާރައެއް ހުޅުވުމަށް މިއަދު އެ ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖުނެއިދު ވިދާޅުވީ، މާލޭ ޕޯޓަށް ކޮންޓެއިނާ ހިފައިގެން އަންނަ ބޯޓްތައް ހުސް ނުކުރެވި އެތައް ދުވަހަކު ތިބެން ޖެހުމަކީ ބޮޑު ޝަކުވާއެއް ކަމަށެވެ.

އެގޮތުން، މާލޭ ޕޯޓުގައި މިހާރު ބޭއްވެނީ ފަހަރަކު އެއް މުދާ ބޯޓު ކަމަށާއި އޭގެން މުދާ ބާލަން ގާތްގަނޑަކަށް 16 ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުނެއިދު ވިދާޅުވި ގޮތުގައި، މާލޭ ޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން ޕޯޓުގެ ހުޅަނގު ފަރާތަށް ދިގުކޮށްލަން ވަނީ ނިންމާފައެވެ.

އެގޮތުން، 700 ނުވަތަ 1000 ކޮންޓެއިނަރު ހިފައިގެން މިހާރު ބަނދަރަށް ކައިރިކުރާ މުދާ ބޯޓުގެ ތިން ބޯޓު އެއްފަހަރާ ބަނދަރުކޮށް، މުދާ ބޭލޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އަދި އެ މަސައްކަތް ކުރިއަށްގެންދަން ނިންމާފައިވާ ގޮތުގެ ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ މާލޭ ޕޯޓު ބޮޑުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.

އެގޮތުން މާލޭ ޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓެއް ހިންގަން އިކޮނޮމިކް ކައުންސިލުން އެސެސްމެންޓެއް ހަދާފައިވާ ކަމަށާއި ޕްރޮޖެކްޓަށް 150 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޭދަވާނެ ކަމަށް ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ ޕްރޮޖެކްޓެއް ފަށާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއިރު، އެ ކުންފުނިން ވަނީ މާލޭ ވިޔަފާރި ބަނދަރުގެ ފެންވަރު ރަނގަޅު ކުރުމަށް 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން 22 އުޅަނދެއް ހޯދުމަށް ޗައިނާގެ ކުންފުންޏަކަށް މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހަވާލުކޮށްފައެވެ.