15 Aug 2016, 22:13
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ހާއްސަ ފިހާރައަކާއި ދަތުރުވެރިންނަށް ހާއްސަ ޒަމާނީ މާލަމަކާއި މިސްކިތެއްގެ އިތުރުން ފާހާނާއެއް މީރުބަހުރު ބަނދަރުގައި ހުޅުވައިފިއެވެ.
މީރުބަހުރު ބަނދަރުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ދަތުރުވެރިންގެ މާލަމާއި ފިހާރަ ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނެއިދު ވިދާޅުވީ، މުވައްޒަފުންނަށް ހާއްސަ ކޮށްގެން ފިހާރައެއް ހުޅުވި ނަމަވެސް، އެކަމުގެ މަގްސަދަކީ ވިޔަފާރިއެއް ކުރުން ނޫން ކަމަށެވެ. އަދި އެކަމާ ވިޔަފާރި ވެރިން ކަންބޮޑުވާނެ ކަމެއް ނެތް ކަމަށާއި، އެމްޕީއެލް އަކީ ވިޔަފާރީގެ ކަންކަމުގައި ޒިންމާދާރު ބައެއް ކަމަށް ވިދާޅުވިއެވެ.
އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މީރުބަހުރު ބަނދަރުގައި ގާއިމްކުރި ފިހާރަ އިކޮނޮމިކް މިނިސްޓަރު، ހުޅުއްވައިދެއްވުމަށްފަހު ބައްލަވާލައްވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދު މީރުބަހުރު ބަނދަރުގައި ހުޅުވި ފިހާރައަކީ އެމްޕީއެލްގެ ސީއީއޯ ޖުނެއިދުގެ އިސްނެންގެވުމަކަށް އެކުންފުނިން އުފެއްދި ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ހުޅުވި ފިހާރައެކެވެ.
ގާތްގަނޑަކަށް 1500 ދިވެހި މުވައްޒަފުން މަސައްކަތްކުރާ އެމްޕީއެލްގެ ސީއީއޯ ޖުނެއިދު ވިދާޅުވި ގޮތުގައި، އެ ފިހާރައިން ލިބޭ ފައިސާ ބޭނުން ކުރާނީ އެމްޕީއެލްގެ މުވައްޒަފުން ހައްޖަށް ފޮނުވައި، އެ ކުންފުނީގެ މުވައްޒަފުންނަށް މަތީ ތައުލީމް ފޯރުކޮށްދިނުން ފަދަ ކަންކަމުގައެވެ.
މީގެ އިތުރުން، އެ ފައިސާ ބޭނުންކޮށްގެން އެމްޕީއެލްގެ މުވައްޒަފުންނަށް މާލީ ގޮތުން ދިމާވާ މައްސަލަތަކުގައި އެއްވެސް އިންޓްރެސްޓަކާ ނުލައި ލޯން ދޫކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއާ ކޮންޑިޝަންކޮށް އަދި އެތާ އެތެރޭގައި ކޮފީގެ ހިދުމަތް ލިބޭނެ ގޮތަށް ހަދައި މިއަދު މީރުބަހުރު ބަނދަރުގައި ހުޅުވި ޒަމާނީ ދަރުވެރިންގެ މާލަމަކީ އާންމުކޮށް އެ ބަނދަރު ބޭނުންކުރާ ހުރިހާ ދަތުރުވެރިންނަށް ހުޅުވާފައި ހުންނާނެ ތަނެކެވެ.
އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މީރުބަހުރު ބަނދަރުގައި ގާއިމްކުރި ފިހާރަ ހުޅުއްވައިދެއްވުމަށް މީރުބަހުރު ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޖުނެއިދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މީގެ އިތުރުން، މީރުބަހުރު ބަނދަރުގައި އަންހެނުންނަށާއި ފިރިހެނުންނަށް ބޭނުންކުރެވޭނެ ގޮތަށް، ދެ ރުފިޔާގެ ފީއެއް ދެއްކުމުން ބޭނުންކުރެވޭނެ ޕޭ ޓޮއިލެޓެއް ގާއިމްކޮށްފައިވެ އެވެ. އަދި އެއާ ކޮންޑިޝަން ކޮށްފައިވާ މިސްކިތެއް ވެސް ވަނީ ގާއިމްކޮށްފައެވެ.
ސީއީއޯ ޖުނެއިދު ވިދާޅުވީ، އެތަން ހުޅުވުމުގެ ކުރިން ވެސް އެތަނުގެ ޖާގައިގެ ދަތިކަން ފާހަގަވެފައިވާ ކަމަށާއި އެތަން ބޮޑު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
މީރުބަހުރު ބަނދަރުގައި ދަތުރުވެރިންގެ މާލަމެއް ހަދައި މިއަދު ހުޅުވާފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ސަން އަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ ޖުނެއިދު ވަނީ، މީރުބަހުރު ބަނދަރު ސަރަހައްދުގައި އެކޮމެޑޭޝަން ބުލޮކްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.
މީރުބަހުރު ބަނދަރު ސަރަހައްދުގައި ޓާމިނަލެއްހެން ހަދާފައިވާ ސަރަހައްދުގައި ހަތަރު ބުރިއަށް އެކޮމެޑޭޝަން ބުލޮކެއް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ފަށައި މި އަހަރު ނިންމާލެވޭނެ ކަމަށް ވެސް ޖުނައިދު އޭރު ވިދާޅުވިއެވެ.
އެމްޕީއެލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން މީރުބަހުރު ބަނދަރުގައި ގާއިމްކުރި ފިހާރަ ހުޅުއްވައިދެއްވުމަށް މީރުބަހުރު ބަނދަރުގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިޔަފާރީގެ ނަފާ އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން، ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ އަމާޒު ހަގީގަތަކަށް ހަދައިދޭން އަމިއްލަ ގޮތުން ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނަވައި، އެކަމަށް ދެ ވަނަ ވިސްނުމަކަށް ނުދިއުމަށް ވިޔަފާރި ވެރިންގެ އަރިހުން މިނިސްޓަރު މިއަދު ވަނީ އެދިވަޑައިގެންފައެވެ.