ސިންގަޕޫރުގެ ސެލްވެޖް ކުންފުންޏަކާ ހަވާލުކޮށްގެން ފުވަައްމުލަކު ފަރަށް އެރި ވިއެޓްނާމް ބޯޓު ފުންކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ފުވައްމުލަކުގެ ހުޅަގު ފަރާތު ފަރަށް މިދިޔަ ހޮނިހިރު ދުވަހު އެރި ބޯޓަކީ "އެމްވީ އެންޖީއޯސީ ސަން" ނަމަކަށް ކިޔާ ބޯޓެކެވެ. އެބޯޓް ވެރިފަރާތް ކަމަށްވާ އޯޝަން ލޮޖިސްޓިކްސް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު މިއަދު 'ސަން' އަށް ވިދާޅުވީ ފަރަށް އެރި ބޯޓު ފުންކުރުމަށް ސިންގަޕޫރު ސެލްވެޖް ކުންފުންޏަކާ ހަވާލުކޮށްގެން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ސިންގަޕޫރު ސެލްވެޖް ކުންފުންޏަކާ ހަވާލުކޮށްގެން ބޯޓު ފުންކުރުމުގެ މަސައްކަތް ކުރަމުން އަޅުގަނޑުމެން މިދަނީ. އެކުންފުނީގެ ބޭފުޅުން މިހާރު ވަނީ ފުވައްމުލަކަށް ގޮސްފައި. އަޅުގަނޑުމެން މި ބަލަނީ ވީހާ ވެސް އަވަހަށް ފުންކުރެވޭތޯ،" މުހައްމަދު ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ބޯޓު ފުން ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން އިއްޔެ އިން ފެށިގެން 15 ދުވަސް ދީފައިވާ ކަމަށެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓަކީ އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތަށް ހިލައާއި ހިލަވެލި ހިފައިގެން ދިޔަ ބޯޓެކެވެ. ފަރަށް އެރި އިރު ބޯޓުގައި 20 ފަޅުވެރިން ތިއްބެވެ.

މީގެ ކުރިން 2014 ވަނަ އަހަރު ސަމާ އައިލެންޑް ރިޒޯޓް ކައިރީގައި އޮތް ފަރަކަށް އެރި ވިއެޓްނާމްގެ ބޯޓް 508 މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ބޯޓު ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ ފަރަށް ބޮޑެތި ގެއްލުންތައް ލިބިފައި ވާތީ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަނީ ބުނެފަ އެވެ.