17 Aug 2016, 16:00
ކުއަލަލަމްޕޫރު (އޮގަސްޓް 17): ހަތަރު ލައްކައަށް ވުރެ ގިނަ ޑޮލަރުގެ އަގުހުރި ތެޔޮ ބަރުކޮށްފައި އޮތް، މެލޭޝިއާގެ ބޯޓު އިންޑޮނޭޝިއާއަށް ގެންގޮސްފައި ވަނީ އޭގެ ކުރޫ އިން ކަމަށް ދެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.
އެމް ޓީ ވިއެރ ހާމަނީ ނަމަކަށް ކިޔާ، މެލޭޝިޔާގެ މި އޮއިލް ޓޭންކަރު ހައިޖެކް ކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ނަމަވެސް މި ޚަބަރު ތިލަވެފައި ވަނީ މިއަދު އެވެ.
އިންޑޮނޭޝިއާ އާއި މެލޭޝީއާގެ އޮފިޝަލުން ބުނާ ގޮތުގައި ކުރޫއިން އެގޮތަށް އަމަލު ކޮށްފައި ވަނީ ބޯޓުގެ ވެރިޔާއާ ދެމެދު ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ. އޮފިޝަލުން ވަނީ އެއީ އެތެރޭގެ މައްސަލައެއް ކަމަށް ސިފަކޮށް އެއީ ޓެރަރިޒަމާ ނުވަތަ ކަނޑު މީހުންނާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
އަދި ބޯޓުގެ ކުރޫ އާއި ބޯޓުގެ ވެރިޔާއާ ދެމެދު ޖެހުނު މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް މެލޭޝިއަން މެރިޓައިމް އެންފޯސްމެންޓު އޭޖެންސީން ބުންޏެވެ. ނަމަވެސް ބޯޓުގެ ތެލަށް ވީ ގޮތަކާއި އެ ބޯޓު އަނބުރާ މެލޭޝިއާއަށް ދިޔުމާ ބެހޭ ގޮތުން އޭޖެންސީން މައުލޫމާތު ދީފައެއް ނުވެ އެވެ.
ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ އިންޑޮނޭޝިއާގެ ބަޓަމް ޖަޒީރާ ކައިރިން ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.