17 Aug 2016, 23:17
ރާއްޖޭގެ ސްކޫލްތަކުންދޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން "އެޑިއުކޭޝަނަލް އެސެސްމެންޓް" ދާއިރާ އިން މާސްޓަރ ޑިގްރީ ކޯހެއް ފަށައި، އެ ދާއިރާއިން ކިޔެވުމަށް ޓީޗަރުންނަށް ސްކޮލޮޝިޕް ދީފިއެވެ.
ކަލާފާން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި،މާސްޓަރ އޮފް އެޑިއުކޭޝަންއިންއެޑިއުކޭޝަނަލް އެސެސްމެންޓް، ކޯސް އިފްތިތާހް ކޮށްދެއްވީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަންތައްތައް ފާހަގަކުރައްވައ،ި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސްކޫލު ތަކުގެ ހުރިހާ މަރުހަލާތަކެއްގައި ދެވޭ ތައުލީމުގެ ފެންވަރު ބަލައި ވަޒަންކޮށް ހުރިހާ ސްކޫލެއްގައި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭ ރިވިއުކޮށް ނިންމުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ވަކިން ހާއްސަކޮށް ޕްރައިމަރީ މަރުހަލާގެ ދަރިވަރުންނަށް ލިބިދޭން ލާޒިމުކުރާ ލިޓްރަސީ އާއި ނިއުމަރަސީ އެ ދަރިވަރުންގެ ކިބައިގައި އަށަގެންފައިވާ މިންވަރު ބެލުމަށް ނެޝަނަލް އެސެސްމަންޓް އޮފް ލާނިންގް އައުޓްކަމްސްގެ ނިޒާމެއް މިހާރު ގާއިމުކުރެވި އޭގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން، މިދިޔަ އަހަރު ހިންގުނު ނެޝެނަލް އެސެސްމަންޓްގެ މަސައްކަތުގެ ރިޕޯޓް އަންނަ މަހުގެ ތެރޭގައި ޝާއިއުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ސްކޫލްތައް ވަޒަންކުރުމުގެ ކޯހެއް ފަރުމާކޮށް ފަށާފައިވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރާނެ އެންމެ ފަހުގެ ގޮތްތައް ދަސްކޮށްދިނުމާއެކު ތައުލީމުގެ ތަފާސް ހިސާބުތައް އިލްމީ ގޮތެއްގައި ހޯދައި ޝާއިއު ކުރެވޭނެ ގާބިލްކަން އިތުރުކުރުވުން ކަމަށެވެ.
އެގޮތުން، ތިން ސެމިސްޓާއަކަށް ރެގިއުލާ މޯޑަށް ކިޔަވައިދޭ އެ ކޯހުގެ ފުރަތަމަ ބުރު ޔުނިވާސިޓީގައި މިމަހުގެ 10 ވަނަ ދުވަހު ފަށައިގެން ކުރިއަށްދާއިރު، އެ ކޯހުގައި ކިޔެވުމަށް 22 ބައިވެރިއަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި 17 ޓީޗަރަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޮލޮޝިޕް ދީފައެވެ.
އަށާރަ މަސް ދުވަހަށް ހިންގާ އެ ކޯހުގައި ކިޔެވުމަށް ސްކޮލަޝިޕް ލިބުނު ޓީޗަރުންގެ ޓިއުޝަންފީ ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ހަމަޖެހިފައިވާއިރު ކޯހުގެ މުއްދަތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރުންނަށް ޕެއިޑްލީވް ހަމަޖައްސައިދީފައެވެ.