ގެސްޓްހައުސް އިންޑަސްޓްރީގެ ފަރާތްތަކަށް ޚާއްސަކޮށްގެން މޯލްޑިވްސް ގެޓްއަވޭޒްގެ ފަރާތުން ބާއްވާ ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސަރގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސްގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، ސްޕޮންސަރޝިޕް އެގްރިމެންޓުގައި ސޮއިކުރެއްވީ ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީއާއި މޯލްޑިވްސް ގެޓްއަވޭޒްގެ ބިޒްނަސް ޑިވެލޮޕްމެންޓް އޮފިސަރ ޑރ. ހުސައިން ސަނީ އުމަރެވެ.

ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ ރާއްޖޭގެ ގެސްޓްހައުސް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްއިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި، ގެސްޓްހައުސްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސްގެ ޓައިޓަލް ސްޕޮންސަރުކަން ބީއެމްއެލްއިން ނެގުމަކީ، އެކަން ހާމަކޮށްދޭ ހެއްކެއް ކަމަށެވެ.

ސީއީއޯ ހީލީ ވިދާޅުވީ، 2020 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ގެސްޓްހައުސް އިންޑަސްޓްރީއަށް ފަސް ލައްކަ ފަތުރުވެރިން ގެނައުމަށް މޯލްޑިވްސް ގެޓްއަވޭޒްއިން އަމާޒު ހިފާފައިވާ އިރު، އެ އަމާޒު ހާސިލުކުރުމަށް ބީއެމްއެލްއަށް އަދާކުރެވޭނެ ދައުރު އެންމެ ފުރިހަމައަށް އަދާކޮށްދޭނެ ކަމަށެވެ.

މޯލްޑިވްސް ގެޓްއަވޭޒްގެ ބިޒްނަސް ޑިވެލޮޕްމެންޓް އޮފިސަރު ޑރ. ސަނީ އުމަރު ވިދާޅުވީ، ރާއްޖޭގެ ތަފާތު 80 ރަށުގައި 5،000 އަށް ވުރެ ގިނަ އެނދާ އެކު 500 ވަރަކަށް ގެސްޓްހައުސް މިހާރުވެސް އޮޕަރޭޓު ކުރަމުންދާ އިރު، އެކުންފުނިން ބޭނުންވަނީ ރާއްޖެއިން ބޭރުގައި ބާއްވާ ފަތުރުވެރިކަމާ ބެހޭ ފެއާތަކުގައި ރާއްޖޭގެ ގެސްޓްހައުސްތައް މާކެޓު ކުރުމަށް ކަމަށެވެ.

ޑރ. ސަނީ ވިދާޅުވީ ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްއަށް ދުނިޔޭގެ ބޮޑެތި ޓްރެވަލް އޭޖެންސީތަކާއި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ފަރާތްތަކުން އެންޑޯޒްމަންޓް ދީފައިވާ ކަމަށެވެ.

"އުންމީދަކީ މި ކޮންފަރެންސްގެ ސަބަބުން ވަރަށް ބޮޑެތި އެހީތަކެއް ލިބިގެން ދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖޭގެ ގެސްޓްހައުސް އިންޑަސްޓްރީއަށް،" ސަނީ ވިދާޅުވި އެވެ.