19 Aug 2016, 09:58
އިންޑިއާގެ އެންމެ މަޝްހޫރު މިނިކާވަގު، މަޗްލީ މަރުވެއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެފިއެވެ.
އޮފިޝަލުން ބުނީ، އިންޑިއާގެ ހުޅަނގުއުތުރުގައި އޮންނަ އެންމެ ބޮޑު ސްޓޭޓް ރާޖަސްތާން ގައި ހުންނަ ދުނިޔޭގެ ހެރިޓޭޖް ސަރަހައްދެއް ކަމަށްވާ ރަންތަންބޯގެ ރާނީގެ ގޮތުގައި މަޝްހޫރު ވެފައިވާ މަޗްލީ މަރުވި އިރު އުމުރަކީ 19 އަހަރު ކަމަށެވެ.
އޭތި މަރުވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ނުކައި އޮވެ، ބަނޑަށްޖެހިގެން ކަމަށް ބުނެފައިވެއެވެ.
"މަޗްލީ އަށް ފަރުވާދޭން ވަރަށް މަސައްކަތްކުރިން ނަމަވެސް އޭތި މަރުވީ. މަޗްލީ މަރުވީ ގުދުރަތީ މަރަކުން އޭތީގެ އުމުރުގެ ސަބަބުން،" ރަންތަންބޯ ޓައިގާ ޕްރޮޖެކްޓުގެ ޑިރެކްޓަރު ޔޮގޭޝް ކުމާރު ސަހޫ ވިދާޅުވެފައިވެއެވެ.
ރަންތަންބޯ ޕާކުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން، މަޗްލީގެ ހަރަކާތްތެރިވެ އުޅުން ލަސްވެ އޭތީގެ ގިނަ ދަތްތައް ވެސް ވަނީ ފައިބާފައެވެ.
މަޗްލީ ނުވަތަ ހިންދީ ބަހުންނަމަ މަހުގެ ނަމުން، ދުނިޔޭގެ އެންމެ ގިނަ ފޮޓޯ ނަގާފައިވާ މިނިކާވަގު، މަޗްލީ އަށް ނަން ދީފައިވަނީ އޭތީގެ މޫނުގެ ވާތް ފަރާތުގައި މަހެއްގެ ނިޝާން އިންނާތީ އެވެ.
މީގެ އިތުރުން، ގިނަ ޑޮކިއުމެންޓަރީ ތަކެއްގައި ފެނިގެން ގޮސްފައިވާ މަޗްލީ އެންމެ ބޮޑަށް އާއްމުންގެ ތެރޭގައި މަގްބޫލު ވެގެން ދިޔައީ 14 ފޫޓުގެ ކިނބުލަކާއެކު ހަނގުރާމަކޮށް ބަލިކުރި ވީޑިއޯ އަށްފަހުއެވެ. އަދި މަޗްލީ އަކީ ރަންތަންބޯ ނެޝަނަލް ޕާކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައި މަގްބޫލް މިނިކާވަގެކެވެ.
ހަތަރު ފިރިހެން މިނިކާވަގާއި ފަސް އަންހެން މިނިކާވަގު ވިހާފައިވާ މަޗްލީގެ މަރާއެކު އިންޑިއާގެ އިތުރުން ބައިނަލްއަގްވާމީ ނޫސް ވެބްސައިޓުތަކުގެ ހެޑްލައިން ތަކުން ޖާގަ ހޯދާފައިވާއިރު، ގިނަ ބަޔަކު ދަނީ އޭއްޗަށް ހެޔޮ ދުއާ ކުރަމުންނެވެ.
ދުނިޔޭގެ މިނިކާވަގުގެ އާބާދީގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މިނިކާވަގު ދިރިއުޅޭ އިންޑިއާގައި 2226 މިނިކާވަގު އުޅޭ ކަމަށް ވަނީ ބެލެވިފައެވެ.