20 Aug 2016, 12:19
ބައެއް ސިއްހީ މައްސަލަތައް ދިމާވުމާ ގުޅިގެން ރާއްޖޭގެ ހުރިހާ ފިހާރަތަކެއް ބަލައި ފާސްކުރުމަށް އަތޮޅުތެރޭ ހުރިހާ ރަށަކުން މީހުން ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސާ ސާޖިދާ މުހައްމަދު "ސަން"އަށް މިއަދު ވިދާޅުވީ ފިހާރަތައް ބަލައި ފާސްކުރަން ކޮންމެ ރަށަކުން ފޯކަލްޕޮއިންޓެއް ހޯދާފައިވާ އިރު އަންނަ ހަފްތާގައި ތަމްރީނު ދޭން ފަށާނެ ކަމަށެވެ.
"ފޯކަލް ޕޮއިންޓް މެދުވެރިކޮށް ރަށުގެ ލެވަލްގައި އެ ބޭފުޅުން އެކަން ކުރައްވާނީ، އެއަށް ފަހު އަޅުގަނޑުމެންނަށް މައުލޫމާތު ފޯރުކުރާނީ،" ސާޖިދާ ވިދާޅުވި އެވެ.
މާލޭގެ ހަތަރު އަވަށުގެ 90 ޕަސެންޓް ފިހާރަތައް ބަލައި ފާސްކޮށް ނިންމާފައިވާ އިރު ހުޅުމާލެ އާއި ވިލިމާލޭގެ ފިހާރަތައް ވަރަށް އަވަހަށް ބަލަން ފަށާނެ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގެ ދަށުން ތަންތަން ބަލައި ފާސްކުރަނީ ކުޑަކޮށް ކަމަށާއި މިހާރު ފިޔަވަޅު އެޅުމުގެ ބަދަލުގައި އެކަންކަން އިސްލާހުކުރުމަށް އަންގަމުން އަންނަ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެއަށް ވުރެ ބޮޑު އޮޕަރޭޝަންއެއް ފަށައި ކަންކަން އިސްލާހު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކާބޯތަކެތި ވިއްކާ ހުރިހާ ވިޔަފާރިއެއް ބަލައި ފާސްކުރުމަށް އެމްއެފްޑީއޭ އިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރައްކާތެރި ނޫން ގޮތްގޮތަށް ތަކެތި ވިއްކާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފި އެވެ.