އިނގިރޭސި ޕްރިމިއާ ލީގުގައި ސައުތުހޭމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑަށްވުރެ އިތުރަށް މެންޗެސްޓާ ޔުނައިޓެޑަށް ލަނޑު ޖެހުނީސް ކަމަށް އެ ކްލަބުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ސައުތުހެމްޓަން އަތުން ޔުނައިޓެޑް މޮޅުވެފައިވަނީ 2-0 ލަނޑުންނެވެ. އެ މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެ ލަނޑު ވެސް ޖަހައިދިނީ އެ ޓީމުގެ ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް އެވެ.

ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ، ސައުތުހޭމްޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޔުނައިޓެޑަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސައުތުހޭމްޓަން ކުޅުނު ނަމަވެސް މެޗުގައި ކޮންޓްރޯލް ހޯދައިގެން ކުޅުނީ ޔުނައިޓެޑް ކަމަށެވެ.

"އެމީހުންނަށް އަހަރެމެންނަށް ނުރައްކަލެއް ނުކުރެވުނު. މެޗުގައި އަބަދުވެސް ކޮންޓްރޯލް ހޯދައިގެން ކުޅުނީ އަހަރެމެން. އަހަރެމެންނަށް އިތުރު ލަނޑުތަކެއް ކާމިޔާބުކުރެވުނީސް. އަހަރެމެން ކުޅޭ ގޮތުން އަވަސް ފުޓްބޯޅައެއް ކުޅެން އުނދަގުލާ ކުރިމަތިލާން ޖެހޭނެ،" އޭނާ ބުންޏެވެ.

މޮރީނިއޯ ބުނީ، މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ބުރަ މަސައްކަތެއް ކުރި ކަމަށާއި އެކަމާ މެދު އުފާކުރާ ކަމަށެވެ. އަދި ޔުނައިޓެޑާ އެކު ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ކުޅުމާ މެދު ވެސް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް ޔުނައިޓެޑް ކުޅުނު ދެ މެޗުން ވެސް ވަނީ މޮޅުވެފައެވެ. ލީގުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އޭއެފްސީ ބޯންމައުތު އަތުން މޮޅުވެފައިވަނީ 3-1 ލަނޑުންނެވެ.