މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޓީރެކްސް ބާސްކެޓްބޯލް ކްލަބު އަތުން މޮޅުވެ، ރެޑްލައިން ކްލަބުން އެ މުބާރާތުގެ ތަށި ދިފާއުކޮށްފިއެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ވާދަކޮށްފައިވަނީ ޓީރެކްސް އާއި ރެޑްލައިން ކްލަބެވެ. ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ޓީރެކްސްގެ މައްޗަށް ރެޑްލައިން ކުރި ހޯދާފައިވަނީ ވާދަވެރި ކުޅުމަކަށް ފަހު 70-74 ޕޮއިންޓުންނެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ރެޑްލައިން ކްލަބާއި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 70-74 ޕޮއިންޓުން ކާމިޔާބުކޮށް، ރެޑްލައިނުން ވަނީ ޗެމްޕިއަންކަން ހޯދާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެ މެޗުގައި ރެޑްލައިނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 19 ޕޮއިންޓް ހޯދައިދިން އަހްމަދު ފިރާޝް އެވެ. ޓީރެކްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވަނީ އެ ޓީމަށް 17 ޕޮއިންޓް ހޯދައިދިން މުހައްމަދު މުހިސިން އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ރެޑްލައިނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން ފިރާޝް އެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި އެންމެ ގިނަ ޕޮއިންޓް ހޯދި ކުޅުންތެރިޔަކަށް ހޮވުނީ ޓީރެކްސް އަށް 102 ޕޮއިންޓް ހޯދައިދިން ޒަކަރިއްޔާ އަބްދުލް ލަތީފެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންސިވް ކުޅުންތެރިޔަކަށް ޓީރެކްސްގެ އިބްރާހިމް ރަޝްވާން ހޮވުނު އިރު، އެންމެ މޮޅު އޮފެންސިވް ކުޅުންތެރިޔަކަށް ހޮވުނީ އެ ޓީމުގެ ޒަކަރިއްޔާ އަބްދުލް ލަތީފެވެ.

އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ރެޑްލައިން ކްލަބާއި ޓީރެކްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 70-74 ޕޮއިންޓުން ކާމިޔާބުކޮށް، ރެޑްލައިނުން ވަނީ ޗެމްޕިއަންކަން ހޯދާފައި --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މުބާރާތުގެ އެންމެ މޮޅު ޕޮއިންޓް ގާޑަކަށް ޓީރެކްސްގެ އިސްމާއިލް ވިލްދާން ޔޫސުފް ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރެޑްލައިންގެ އަހްމަދު އަފްސަން ރަޝީދެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ރެޑްލައިންގެ ކޯޗު މާކޯ ޕިޕްލޮވިޗެވެ.