އިކޮނޮމިކް މިނިސްޓްރީން ދެމުންދާ ހިދުމަތްތައް އައުޓްސޯސް ކުރުމުގެ ގޮތުން ބިޒުނަސް ސާވިސް އެޖެންޓުންތަކެއް ހަމަޖައްސައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ވަނީ ނުވަ ފަރާތަކަށް އެޖެންޓުންގެ ގޮތުގައި އެހީތެރިވުމުގެ ހުއްދަ ދީފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ވިޔަފާރި ދާއިރާއަށް ފުރުސަތު ދީ އެ ދާއިރާ ފުޅާކުރުން ކަމަށާއި އެ އެޖުންޓުން ކުރިއަރައިދާނެ ކަމަށެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުން އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެހިދުމަތް ދިނުމަށް އަތޮޅުތެރެއަށް ޓީމްތައް ފޮނުވައި އެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރިއަށްއޮތްތަނުގައި ކުންފުނީގެ ނަން ފާސްކުރުން ފަދަ ހިދުމަތްތައް ލުއިފަސޭހަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވީ އެމިނިސްޓްރީން ދޭ ރަޖިސްޓްރީގެ ބައެއް ހިދުމަތްތަކާއި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ބައެއް ހިދުމަތްތައް އައުޓް ސޯސް ކުރެވިގެންދާނެ ކަމަށެވެ. އައުޓް ސޯސް ކޮށްގެން ދޭން ނިންމާފައިވާ ހިދުމަތްތަކުގެ ތެރޭގައި އެކިއެކި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމާއި ލޯގޯ ނުވަތަ ސީލް ރަޖިސްޓްރީ ކުރުމާއި ވިޔަފާރިތައް އުވާލުން ފަދަ ހިދުމަތްތައް ހިމެނެ އެވެ.

އައުޓު ސޯސްކުރާ ކުންފުނިތައް މެދުވެރިނުކޮށް އަމިއްލައަށް ވެސް އިކޮނޮމިކް މިނިސްޓްރީއަށް އެކަން ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ނަމަވެސް އައުޓު ސޯސްކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް ހުށައަޅާ ފަރާތްތަކުގެ ހިދުމަތް އަވަސްވެގެންދާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.

ސަބަބެއް ކަމަށް ވިސާމް ވިދާޅުވީ އައުޓު ސޯސްކޮށްފައިވާ ކުންފުނިތައް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަން ސިސްޓަމެއް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންދާއިރު އެމިނިސްޓްރީން ކުރަން ޖެހޭ މަސައްކަތް ލުއިވާނެ ކަމަށެވެ.