23 Aug 2016, 18:48
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ހދ. ކުޅުދުއްފުށީގެ ސަޕޯޓަރުންނެވެ. ހާއްސަގޮތެއްގައި މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލެންޑުން ބޭނުންކުރި "ވައިކިން ކްލެޕް" ކުޅުދުއްފުށިން ފެނިގެންދިއުމަކީ އެ ރަށުގެ ސަޕޯޓަރުންނަށް އެތައްބައެއްގެ ލޯތައް އަމާޒުވާން މެދުވެރިވި ސަބަބުކަމަށެވެ.
ކުޅުދުއްފުށީ ސަޕޯޓަރުން އެ ރަށުގައި މިސާލު ދައްކާލުމަށްފަހު، ދެން މިސްރާބު ޖަހަނީ ގައުމީ ފުޓްބޯޅަ ދަނޑަށެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަހްމަދު ޠާރިގު (ޓޮމް)ގެ ދައުވަތަކަށް ކުޅުދުއްފުށީ ސަޕޯޓަރުން މާލެ އައުމަށް ހަމަޖެހިފައިވާ އިރު، އެ ހަރަކާތަށް މިހާރުވެސް އެރަށުން ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
"އަޅުގަނޑުމެން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން މި ކުރިއަށްގެންދަނީ މާލެ ދާން ބޭނުންވާ ފަރަތްތައް ނަން ނޯޓު ކުރުމުގެ މަސައްކަތް. މިހާރު ގާތްގަނޑަކަށް 100 އަށްވުރެ ގިނަ މީހުން ވަނީ ނަން ނޯޓުކޮށްފައި. އަޅުގަނޑުމެން އުންމީދުކުރަނީ 200 އެއްހާ މީހުން ގޮވައިގެން މާލެ ދެވޭނެ ކަމަށް،" 'ސަން'އަށް މައުލޫމާތުދެމުން ކުޅުދުއްފުށީ ޓީމުގެ ސަޕޯޓަރުންގެ ސްޓިއަރިން ކޮމިޓީގެ އެންމެ އިސްކޮށް މަސައްކަތްކުރާ އަބްދުއްރަޝީދު ސައީދު (އަބްސީ) ބުންޏެވެ.

އެސްޓީއޯ މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތެރެއިން ކުޅުދުއްފުށީ ސަޕޯޓަރުން -- ފޮޓޯ: އައިވެލް ޕޯޓްރެއިޓް
މުޅި ރާއްޖޭގައި ނަމޫނާ ދައްކާލުމަށް ކުރާ ދަތުރުގައި ނަން ނޯޓު ކުރުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެއެވެ. ނަމަވެސް، ޖާގަ އޮތް ވަރަކުން ނަން ނޯޓު ކުރުމުގެ ފުރުސަތު އެ މުއްދަތަށް ފަހު ހުޅުވާލާނެ ކަމަށް އަބްސީ ބުނެ އެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުދުއްފުށީގެ އަތްތިލަބަޑީގެ މުޅި ރާއްޖެއަށް އިއްވާލުމުގެ ފުރުސަތު އެ ރަށުގެ ކޮންމެ ރައްޔިތަކަށް ވެސް އެބައޮތެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ ދަނޑު ތެރެއިން ބޭނުންކުރާނެ ސްކާފާއި، ބޮލުގައި އައްސާ ބޭންޑް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން. އޭގެ އިތުރުން އަޅުގަނޑުމެން އެ ދުވަހު ގައުމީ ޓީމު ކުޅޭ މެޗަށް އިންސްޓްރުމަންޓްތަކެއް ވެސް ވައްދާނަން. އޭގެ ތެރޭގައި ކުދިކުދި ޑްރަމްތަކެއް ވެސް ހިމެނޭ،" އަބްސީ ބުންޏެވެ.
މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ތަރުހީބު ދިނުމަށް ކުރަން ޖެހޭ ހުރިހާ ފަރިތަކުރުންތަކެއް ކުޅުދުއްފުށީގެ ސަޕޯޓަރުން ވަނީ ކޮށްފައެވެ. އެހެންކަމުން އެ ސަޕޯޓަރުންނަށް އިތުރަށް ކުރަން ޖެހޭ ފަރިތަކުރުމެއް ނެތެވެ. އެ އަތްތިލަބަޑި ޖަހަން ޖެހޭ ގޮތް ވެސް މިހާރު އެންމެ ރަނގަޅަށް އެނގޭނީ ކުޅުދުއްފުށީ ސަޕޯޓަރުންނަށެވެ.
ކުޅުދުއްފުށީގެ ސަޕޯޓަރުން އަންނަ އާދީއްތަ ދުވަހުގެ ހަވީރު އެ ރަށުން ފުރުމަށް ހަމަޖެހިފައިވާ އިރު، އެމީހުންނަށް މާލެ އާދެވޭނޭ ކަމަށް ބެލެވެނީ އަންނަ ހޯމަ ދުވަހުގެ ފަތިހަށެވެ. އެ ޓީމުގެ ތަރުހީބު މުޅި ރާއްޖެއަށް ދައްކާލާނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00ގައި ރާއްޖޭގެ ގައުމީ ޓީމާއި ރާއްޖެއަށް 2008ގެ ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމު ކުޅޭ ފޯރިގަދަ މެޗުގައެވެ.