ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ވެލެންސިއާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ޔޫތު ޗެމްޕިއަންޝިޕްގެ މެޗުގައި ޓީސީ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 23 ވަނަ މިނެޓުގައި ޓީސީ އަށް ލީޑު ހޯދައިދިނީ އިބްރާހިމް ވަހީދު ހަސަނެވެ. މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ވެލެންސިއާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އިސްމާއިލް ޒާން އާމިރެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގެ ހަވީރު 4:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު އީގަލްސް އެވެ.

އެފްއޭއެމުން 21 އަހަރުން ދަށުގެ ޓީމުތަކަށް އަމާޒުކޮށްގެން ބާއްވާ އެ މުބާރާތް މި އަހަރު އަލުން ފަށާފައިވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ޔޫތު ޗެމްޕިއަންޝިޕް 2011 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް މެދުކެނޑުމެއް ނެތި ބާއްވަމުންދިޔަ އެވެ. އެ މުބާރާތް 2014 ވަނަ އަހަރު ކާމިޔާބުކޮށްފައިވަނީ ކްލަބު އީގަލްސް އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މި އަހަރު އަށް ޓީމު ވާދަކުރެއެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބާއި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ޔުނައިޓެޑް ވިކްޓަރީ އާއި، ކްލަބު ވެލެންސިއާ އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ބީޖީ ސްޕޯޓްސް އާއި، ޓީސީ ސްޕޯޓްސް ކްލަބު އަދި ކްލަބު އީގަލްސް އެވެ.

މުބާރާތުގެ ލީގު ބުރުގެ މެޗުތައް ހެންވޭރު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީ ފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. ސެމީގެ ފުރަތަމަ މެޗުގައި ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ޓީމު ވާދަކުރާ އިރު، އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ލިބޭނެއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިން ވަނަ އަދި ހަތަރު ވަނަ ޓީމެވެ. އެ މެޗުން މޮޅުވާ ޓީމެއް ތިން ވަނަ ސެމީގައި ނުކުންނަން ޖެހޭނީ ފުރަތަމަ ސެމީން ބަލިވާ ޓީމަކާ ދެކޮޅަށެވެ. އަދި ތިން ވަނަ ސެމީން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެއެވެ.

ސެމީގެ ފުރަތަމަ މެޗާއި ދެވަނަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ސެމީގެ ތިން ވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހުއެވެ.