25 Aug 2016, 14:55
ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ޕާޓްނަރުންނާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ސާފް ޗެމްޕިއަންޝިޕް 2008ގެ ޗެމްޕިއަންކަން ރާއްޖެ އަށް ހޯދައިދިން ޓީމާއެކު ގައުމީ ޓީމު ކުޅޭ މެޗާއި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފައިވަނީ މިއަދު މެންދުރު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެފްއޭއެމްގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލެވެ. އެ މެޗުތަކުގެ ގޯލްޑް ޕާޓުނަރަކަށް ހަމަޖެއްސި އުރީދޫ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސައިން ނިޔާޒެވެ.

ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ގޯލްޑް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސި އެލައިޑް އިންޝައަރެންސްގެ ފަރާތުން އެ ކުންފުނީގެ މާކެޓިން މެނޭޖަރު އަހްމަދު ރިޔާޒީ ސޮއިކުރެއްވި އިރު، ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސި ވިލާ ޓްރެވަލްސްގެ ވެސްޓަން ޔޫނިއަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަރުހަތު އަބްދުލް ލަތީފެވެ.
ސިލްވާ ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސި އޯލް ސްޕޯޓްސްގެ ފަރާތުން އޮޕަރޭޝަންސް މެނޭޖަރު އަހްމަދު ނިޝާން ސޮއިކުރެއްވި އިރު، ހޮޓެލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސި ޖެމެއިރަށް ވިއްޓަވެލީގެ ފަރާތުން ސޮއިކުރެއްވީ އެ ރިސޯޓުގެ ރިލޭޝަންސް މެނޭޖަރު އަބްދުލް އަޒީޒް އަދީލެވެ.
އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށް ފަހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީން ފުޓްބޯޅައިގެ ތެރެއަށް ވަންނަމުންދާތަން މިހާރު ފެންނަމުންދާ ކަމަށާއި ސާފް ޗެމްޕިއަންޝިޕް 2008ގެ ޗެމްޕިއަންކަން ރާއްޖެ އަށް ހޯދައިދިން ޓީމާ ދެކޮޅަށް ކުޅޭ މެޗުގައި ގެންނަ ފުޓްބޯޅަ ލެޖެންޑުންގެ ކަންތައްތަކުގައި އެހީތެރިވެދެނީ މިއަދު ސޮއިކުރި ޖުމޭރަށް ރިސޯޓުން ކަމަށެވެ. އަދި އެއީ ފުޓްބޯޅަ އަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވާހަކަދައްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
އަންނަ ހޯމަ ދުވަހު ރާއްޖޭގެ ގޯލްޑް ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ނުކުންނަ އިރު، ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނާނީ މިފެށޭ މަހުގެ އެއް ވަނަ ދުވަހު އެވެ. އޭގެ އިތުރުން އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ދެވަނަ ބުރުގައި ލާއޯސްއާ ދެކޮޅަށް ވެސް ގައުމީ ޓީމު މިފެށޭ މަހުގެ ހަ ވަނަ ދުވަހު ނުކުންނާނެއެވެ. އެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.
ގޯލްޑް ޓީމާ ދެކޮޅަށް ކުޅޭ މެޗަށް ހާއްސަ މެހެމާނުންގެ ގޮތުން އެފްއޭއެމް އިން ދެ ލެޖެންޑެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޕެއިންގެ ފުޓްބޯޅަ ލެޖެންޑް ޒަވީ ހެނާންޑޭޒް އާއި އާޖެންޓީނާ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ އަޔާލާއެވެ.