27 Aug 2016, 11:18
ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަށް ދިޔަ ހުރިހާ ހައްޖާއްޖީން ވެސް މިއަދުގެ ވަގުތުތަކުގައި މަދީނާ އަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަންގާރަ ދުވަހު، ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ 500 މީހުން މަދީނާ އަށް ގޮސްފައިވާ ކަމަށެވެ. އެމީހުން ދެ ދުވަސް ވަންދެން މަދީނާގައި މަޑުކުރާނެ ކަމަށާއި އެ ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އަނެއް 500 ހައްޖާޖީން މަދީނާ އަށް ދާނީ ކުރިން ދިޔަ ގްރޫޕަށް ފަހު ކަމަށެވެ.
އެ ހައްޖާޖީން މަޑުކުރަނީ މަސްޖިދުއް ނަބަވީ ކައިރީގައި ހުންނަ ސަފާރުލްއީމާން ކިޔާ ހޮޓަލެއްގައި ކަމަށާއި، އެހެން ހައްޖު ގްރޫޕްތަކުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖާޖީން ވެސް މިއަދުގެ ވަގުތުތަކުގައި މަދީނާ އަށް ދާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހައްޖު ކޯޕަރޭޝަނާއި އިތުރު ފަސް އަމިއްލަ ކުންފުންޏަކުން ޖުމްލަ 2000 ހައްޖާޖީން ވަނީ މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މައްކާ އަށް ގޮސްފަ އެވެ.
އެހެން އަހަރުތަކާ ޚިލާފަށް ސައުދީގެ މިނިސްޓްރީ އޮފް ހައްޖުގެ މަދީނާ އޮފީހުން އިންތިޒާމުކުރާ ޓުއާ ޕްރޮގްރާމެއް މިއަހަރު ވަނީ އިފްތިތާހުކޮށްފައެވެ.
އެ ޕްރޮގްރާމްގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކަމަށާއި އެ ޓުއާގެ ދަށުން މައްކާ އަދި މަދީނާގެ އާސާރީ ތަންތަން ހައްޖުވެރިންނަށް ދައްކާލާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.