28 Aug 2016, 11:10
ލަވަކިޔުންތެރިޔާ އަބީޖީތު ބަޓަޗާރިޔާ ޓުވިޓާ މެދުވެރިކޮށް އިންޑިއާގެ އަންހެން ނޫސްވެރިޔަކަށް، ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ، ހުށަހެޅި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފި އެވެ.
އަބީޖީތު އާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ ޓައިމްސް އޮފް އިންޑިއާގައި މަސައްކަތް ކުރާ ސްވަތީ ޗަތުރުވޭދީ އެވެ.
ސްވަތީ އާއި އަބީޖީތާ ދެމެދު ޓުވިޓާގައި ހޫނު ޒުވާބެއް ހިނގާފައި ވަނީ ޗެންނާއީގައި ސޮފްޓްވެއާ އިންޖިނިއަރަކު މަރާލި މައްސަލައިގައި އަބީޖީތު ބުނި އެއްޗަކާ ގުޅިގެންނެވެ. އަބީޖީތު ބުނެފައި ވަނީ އެ ހަމަލާ އަކީ ޖިހާދުގެ އަމަލެއް ކަމަށެވެ.
އަބީޖީތުގެ ކޮމެންޓާ ގުޅިގެން ސްވާތީ ހިމެނޭ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ވާނީ އޭނާ އަށް ފާޑުކިޔައިފަ އެވެ. އަދި އަބީޖީތު ދައްކާފައި ވަނީ މުޖުތަމައުގައި ހަމަނުޖެހުން އުފެދޭ ފަދަ ވާހަކައެއް ކަމަށާއި އެކަމަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ސްވާތީ ވަނީ ބުނެފަ އެވެ.
ސްވާތީއަށް ރައްދުދީ އަބީޖީތު ބުނެފައި ވަނީ އޭނާ އަކީ "ލަދުކުޑަ މުސްކުޅިގަނޑެއް" ކަމަށެވެ. އަދި ސްވާތީ އަކީ އިންޑިއާ ރައްޔިތެއްގެ ގޮތުގައި ހުރެ، އިންޑިއާ ރައްޔިތުން ދެކެ ނަފުރަތު ކުރާ މީހެއް ކަމަށް ވެސް އަބީޖީތު ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އަބީޖީތު ހައްޔަރު ކުރީ އިއްޔެ އެވެ. އަދި އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ނަމަވެސް މިހާރު އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. އޭނާ ޖަލުން މިނިވަން ކުރީ އޭނާގެ ދަރިފުޅު ކަމަށް ހަބަރުތައް ބުނެ އެވެ. އަދި ޕޮލިސް ސްޓޭޝަނުން ނުކުތް އިރު އަބީޖީތު ވަރަށް ބާރަށް ރޮމުން ދިޔަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
އަބީޖީތަކީ މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ދައްކާފައިވާ ބައެއް ވާހަކަތަކުގެ ސަބަބުން މީހުންގެ ނުރުހުން އަމާޒުވެފައިވާ މީހެކެވެ.