28 Aug 2016, 13:08
މިނިވަން ޗެމްޕިއަންޝިޕްގައި ފ. އަތޮޅު ދަރަނބޫދޫ އާއި މަގޫދޫ ޕޮއިންޓްގެ ގޮތުންނާއި ގޯލުގެ ގޮތުން ވެސް އެއްވަރު ވުމުން ގުރުލައިގެން ފައިނަލްގެ ދެ ވަނަ ޖާގަ ދަނރަބޫދޫ އަށް ލިބެއްޖެއެވެ.
ފ. އަތޮޅުން ތިން ޓީމު ބައިވެރިވެފައިވާ އިރު ފައިނަލްގެ ފުރަތަމަ ޖާގަ ނިލަންދޫ އިން ހޯދީ މަގޫދޫ އާއި ނިލަންދޫ އާއި ކުޅުނު ދެ މެޗު ވެސް 1-1ގެ ނަތީޖާ އަކުން އެއްވަރުކޮށް ދެ ޕޮއިންޓާއި އެކުއެވެ.
ފައިނަލްގެ ދެ ވަނަ ޖާގަ ހޯދުމަށް ގުރުއަތުލާން ޖެހުނީ މަގޫދޫ އާއި ދަނރަބޫދޫ ކުޅުނު މެޗެ 0-0ގެ ނަތީޖާ އަކުން އެއްވަރުވުމުން ދެ ޓީމް ވެސް ޕޮއިންޓްގެ ގޮތުންނާއި ގޯލުގެ ގޮތުން ވެސް އެއްވަރުވުމުންނެވެ.
ނިލަންދޫ ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި ގުރުލުން 'ޓޮސް' ލައިގެން ދަރަނބޫދޫ އިން ކާމިޔާބު ކޮށްފައިވާއިރު މަގޫދޫ ޓީމް އިން ވަނީ މުބާރާތުގެ ގަވާއިދުގެ ދެ ޓީމެއް އެއްވަރު ވެއްޖެ ނަމަ ޓީމެއް ހޮވަން ވާނީ ގުރުއަތުލައިގެން ކަމަށްވާއިރު 'ޓޮސް' ލުމަކީ މުބާރާތުގެ ގަވާއިދާ ހިލާފަށް ކުރި ކަމެއް ކަމަށާއި އަލުން ގަވާއިދާ އެއްގޮތަށް ގުރުލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެދި އެފްއޭއެމް އަށް ސީޓީއެއް ފޮނުވާފައެވެ.
ނަމަވެސް އެފްއޭމްގެ އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ އެ ގުރުއަތުލުން ވެސް ކުރިއަށް ގެންގޮސްފައި ވާނީ ގަވާއިދުގަ ބުނާ ގޮތަށް ކަމަށާއި ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފުޓްބޯޅައިގެ ގުރުއަތުލާނީ ކޮއިނުން ކަމަށެވެ.
ނިލަންދޫ އާއި ދަނރަބޫދޫ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗު އޮންނާނީ މާދަމާ ހަވީރު ނިލަންދޫ ފުޓްބޯޅަ ދަނޑުގަ އެވެ.