ގދ. ތިނަދޫ ކުޅިވަރު އެކުވެނި ދަނޑުގެ އިންޑޯ ކޯޓު ހެދުމަށް ގެންގޮސްފައިހުރި ބައެއް ސާމާނުތައް ވަގަށް ނަގާފައި ވަނިކޮށް ހޯދައި، އެކަމާ ގުޅުން ހުރިކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޮގަސްޓް 23 ވަނަ ދުވަހުގެ ވަގުތެއްގައި، ތިނަދޫ ކުޅިވަރު އެކުވެނި ދަނޑުގެ އިންޑޯ ކޯޓު ހެދުމަށް ބޭނުންކުރާ ކަރަންޓް ސާމާނާއި މަސައްކަތުގައި ބޭނުންކުރާ ގިނައަދަދެއްގެ ތަކެތި ވަގަށް ނެގިކަމަށް ބުނެ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ވައްކަމުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހުގެ 15:45 ހާއިރު، އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކު އެރަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މި މައްސަލައާއި ގުޅިގެން ތިން ގެއެއް ބަލައިފާސްކޮށްފައިވާއިރު މި ގެތަކުގެ ތެރެއިން އޭނާއާ ގުޅުންހުރި ގެއެއްގެ ކޮޓަރި ތެރެއިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަދަދެއްގެ ކަރަންޓު ސާމާނާއި ގިނައަދަދެއްގެ ޓޫލްސް ވަނީ ފެނިފައި،" ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ހައްޔަރުކުރި މީހާއާ ގުޅުންހުރި ގެއަކުން ފެނިފައި ވަނީ، ކުޅިވަރު އެކުވެނިން ގެއްލުނު ތަކެތި ކަމަށާއި، އެތަކެތި ވެރިފަރާތާ ހާވާލުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ގެއްލުނު ހުރިހާ ތަކެއްޗެއް އަދި ނުފެނޭ. އެކަމަކު ފެނުނު ބައެއް ސާމާނަކީ ކުޅިވަރު އެކުވެނިން ގެއްލުނު ތަކެތި. އިތުރު ސާމާނުތައް ހޯދައި ވެރިފަރާތާ އެ ތަކެތި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" އޮފިޝަލް ވިދާޅުވިއެވެ.

ވައްކަމުގެ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދިއުމަށް ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުން އަންނަ ކަމަށެވެ.